07 May 2014, 17:23
ޕްރޮސިކިއުޓާ ޖެނެރަލް އާއި ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ނެތި އެ މަގާމުތައް ހުސްވެެއްޖެ ހާލަތެއްގައި ޕީޖީ އޮފީހުގައި އެވަގުތަކު ހުރި ގާނޫނީ ގޮތުން އެންމެ އިސް ބޭފުޅަކު އެ އޮފީހުގެ މަސްއޫލިއްޔަތުތައް އަދާކުރަންޖެހޭނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އަނިލް ވިދާޅުވެއްޖެ އެވެ.
އޭޖީ ރައީސުލްޖުމްހޫރިއްޔާ އަށް މިއަދު ފޮނުއްވާފައިވާ ހަ ސޮފުހާގެ ސިޓީގައި ވިދާޅުވެފައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލަކު އަދި މަސްއޫލިއްޔަތު އަދާ ކުރާނެ އެހެން ފަރާތެއް ވެސް ނެތް ވަގުތެއްގައި ޕީޖީ އޮފީހުގެ މަސައްކަތްތައް ހުއްޓުމަކަށް އައުމަކީ މީގެ ކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްތަކުންނާއި އަމުރުތަކުން ތަންދޭ ކަމެއް ނޫން ކަމަށެވެ.
ޕީޖީ އޮފީހުގައި ކުރިން ހުންނެވި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އެމަގާމުން އިސްތިއުފާ ދެއްވި ފަހުން ޕީޖީ އޮފީހުގެ އެއްވެސް ވަކީލަކު ޝަރުއީ އެއްވެސް ކޯޓަކަށް ހާޒިރުވެވަޑައެއް ނުގަންނަވަ އެވެ. އަދި އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު ހަމީދު ފަހުމީ ސޮއިކުރައްވައި މާލޭގައި ހުރި ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސޯސް ލިބިގެންވާ ހުރިހާ ކޯޓުތަކަށް އިއްޔެ ފޮނުވި ސިޓީގައި، އެ އޮފީހުގެ ވަކީލުން ކޯޓުތަކަށް ވަޑައިގެން ދައުލަތުގެ ނަމުގައި ވަކާލާތުކުރުމުގެ ގާނޫނީ ހައިސިއްޔަތެއް މިހާރު ނެތް ކަމަށް ވަނީ ބުނެފަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މަސައްކަތް ހުއްޓިފައި ހުރުމަކީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ހުއްޓުމަކަށް އަައިސް، ދިވެހި ދައުލަތް ގާނޫނީ ހުސް ކަމަކަށް ހިނގާދާނެ ކަމެއް ކަމުގައި އޭޖީގެ ސިޓީގައި ވިދާޅުވެފައިވެ އެވެ. އަދި އޭޖީ އޮފީހުގެ ހިދުމަތްތައް މެދުކެނޑުމެއްނެތި ކަށަވަރުކޮށްދިނުމަށް ޓަކައި "ނަޒަރިއްޔަތުއް ޟަރޫރާ"ގެ ޕްރިންސިޕަލްގެ ދަށުން ޕީޖީގެ މަސްއޫލިއްޔަތުތައް އަދާކުރުމަކީ ކޮންމެ ހެންވެސް މުހިންމު ކަމެއް ކަމުގައި ވިދާޅުވެފައިވެ އެވެ.
"ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް އެއްވެސް މެދުކެނޑުމަކާނުލައި، ފޯރުކޮށްދިނުން ކަށަވަރުކުރުމަށް ޓަކައި ނަޒަރިއްޔަތުއް ޟަރޫރާގެ ދަށުން ގާނޫނު އަސާސީގަ އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޕްރޮސެކިއުޓާ ޖެނެރަލަކު އައްޔަން ކުރެވެންދެން އެ ފަރާތެއްގެ މަޝްއޫލިއްޔަތު ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލަކު އައްޔަން ކުރަންވާނެ ކަމާއި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލަކު ވެސް ނެތް ހާލަތެއްގައި ޕްރޮސެކިއުޓާ ޖެނެރަލްގެ މައްޗަށް ގާނޫނު އަސާސީ އާއި ގާނޫނުން ލާޒިމްކުރާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެވަގުތަކު ހުންނެވި ޕްރޮސެކިއުޝަން ދާއިރާގެ އެންމެ ސީނިއާ ފަރާތަކަށް އަދަކުރެވިދާނެ،" ހަ ސޮފުހާގެ އެ ސިޓީގައިވެ އެވެ.