ގިނަ ކަންތައްތަކަށް ބޭނުންކުރެވޭ ގޮތަށް ހއ. ބާރަށުގައި ޖެޓީއެއް އެޅުމުގެ މަސައްކަތް 22 މިލިއަން ރުފިޔާ އަށް އެމްޓީ ހޯގާޑާ މިއަދު ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން އެ މަސައްކަތް މިއަދު ހޯގާޑާ ހަވާލުކުރީ އެކަމަށް ޓަކައި އެމިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުވިދާޅުވީ ބާރަށުގެ ޖެޓީގެ އަމަލީ މަސައްކަތް އަންނަ ޖޫންމަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އެމަޝްރޫއުގެ ސަބަބުން ބާރަށުގެ ރައްޔިތުންނަށް އިގުތިސާދީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"... ޖެޓީ ހަދައި ނިމުމުން އިރާދަކުރެއްވިޔާ ބާރަށަށް ވަރަށް ބޮޑު ތަރައްގީއެއް ލިބިގެންދާނެ. އިގުތިސާދީ ގިނަގުނަ މަސައްކަތްތައް ކުރުމަށް ވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޖެޓީގެ މަސައްކަތް ވަރަށް އަވަހަށް ފަށައި ގާތްގަނޑަކަށް 260 ދުވަސްތެރޭގައި ނިންމޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ބާރަށު ޖެޓީ ތަރައްގީކުރަން ހަމަޖެހިފައި ވަނީ އުޅަނދުފަހަރަށް ތެލާއި ފެންފޯރުކޮށްދޭނެ އިންތިޒާމުތަކާއި ޔޮޓްމެރީނާއަކާއި އެއްގަމު އުޅަނދުތައް ދަތުރުކުރާނެ ރަނގަޅު އިންތިޒާމުތަކަކާ އެކުގަ އެވެ.