07 May 2014, 15:55
ޕްރޮސިކިއުޓާ ޖެނެރަލް އިސްތިއުފާ ދެއްވާފައި ވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ތިން ވަނަ ފަހަރަށް މިއަދު އަލުން ހުޅުއްވާލައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 3:00ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ. އެ އެމަގާމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ވެސް ސަރުކާރުގެ ގެޒެޓްކޮށްފައިވާ އެ މަގާމާ ބެހޭ އިޢުލާންގައި ބަޔާންކޮށްފައިވެ އެވެ.
ތިން ވަނަ ފަހަރަށް އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެ މަގާމު ދެވަނަ ފަހަރު ކުރި މަތިލި މީހުންގެ އަދަދު މަދުވެގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ދެވަނަ ފަހަރަށް ހުޅުވާލި ފުރުސަތުގައި އެމަގާމަށް ފަސް ބޭފުޅަކު ވަނީ ކުރިމަތިލައްވައިފަ އެވެ. އެގޮތުން އެ މަގާމަށް ކުރިމަތިލެއްވީ ކުރިން ވެސް އެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުން ކަމުގައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މ. ވައިނުޖެހޭގޭ، މަރިޔަމް ޒުލްފާ އާއި، މިހާރު ވެސް ޕީޖީ އޮފީހުގައި މަސައްކަތް ކުރައްވާ ގާނޫނީ ވަކީލު ދަފްތަރު އައިޝަތު ފަޒްނާ އަހުމަދު އާއި މިހާރު ވެސް ޑެޕިއުޓީ ޕީޖީގެ މަގާމުގައި ހުންނެވި ހ. ހިޔާކަން، ހުސެން ޝަމީމުގެ އިތުރުން ދަފްތަރު، މުހައްމަދު ޝާހު އަދި ކްރިމިނަލް ކޯޓުގެ ގާޒީ ގއ. މާމެންދޫ، ރަތްމަސްގެ، މުހުތާޒު މުހުސިން އެވެ.
ޕީޖީގެ އެ މަގާމަށް ކުރިމަތިލެއްވުމަށް ރައީސް އޮފީހުން ފުރަތަމަ ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ގާނޫނީ ވަކީލު މައުމޫން ހަމީދު އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އެވެ. ނަމަވެސް މައުމޫން ހަމީދު ޕީޖީގެ މަގާމަށް އައްޔަން ކުރެއްވުމަށް މަޖިލީހުގެ ރުހުން ނުލިބުނެވެ.
ޕީޖޭގެ މަގާމުގައި ހުންނެވި އަހުމަދު މުއިއްޒު އިސްތިއުފާ ދެެއްވީ 25 ނޮވެމްބަރު 2013ގަ އެވެ. ޕީޖީގެ ގާނޫނު ބުނާ ގޮތުން އެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި ބޭފުޅަކު އައްޔަން ކުރަން ޖެހެ އެވެ. ނަމަވެސް ފަސް މަސް ދުވަސްވީ އިރު ވެސް އެ މަގާމަށް ބޭފުޅަކު ވަނީ އައްޔަން ނުކުރެވި އެވެ.