ވޮޝިންޓަން (މޭ 7) : ޔުކްރޭންގެ އިރުމަތީ ދެ ސަރަހައްދު ކަމަށްވާ ދޮނިތްސެކް އާއި ލޮހާންސްކް، ޔުކްރޭނުން ވަކިވެ ރަޝިޔާއާ ގުޅުމާބެހޭ ގޮތުން އެ ދެ ސަރަހައްދުގެ ރައްޔިތުން ދެކޭގޮތް ބެލުމަށް ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވަރަށް ބޮޑަށް ފާޑުވިދާޅު ވާހަކަ ދައްކަވައިފި އެވެ.

ޔޫރްޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާ ބެހޭ ވެރިޔާ ކެޓްރިން އެޝްޓަން އާއެކު ބޭއްވި ނޫސްކޮންފަރެންސެއްގައި ކެރީ ވިދާޅުވީ ދޮނިތްސެކް އާއި ލޮހާންސްކްގައި ރަޝިޔާ އަށް ތާއީދުކުރާ ފަރާތްތަކުން ނެގުމަށް ހަމަޖައްސާފައިވާ ފެންނަ ނުފެންނަ ވޯޓަކީ ބޮޑު ޖޯކެއް ކަމަށާ އަދި އެއީ ބޮޑު އޮޅުވާލުމެއް ކަމުގަ އެވެ. ކެރީ އިތުރަށް ވިދާޅުވީ މިއީ ޔުކްރޭންގެ އެއްބައިވަންތަކާމައި ވަޙްދަތު ގެއްލިގެންދާނެ ކަމެއް ކަމަށާ މިވޯޓު ނަގަން އުޅޭތީ އެމެރިކާ ކަންބޮޑުވެފައިވާ ކަމުގަ އެވެ.
ދޮނިތްސެކް އާއި ލޮހާންސްކް، ޔުކްރޭނުން ވަކިވެ ރަޝިޔާއާ ގުޅުމާ ބެހޭ ގޮތުން އެ ދެ ސަރަހައްދުގެ ރައްޔިތުން ދެކޭ ގޮތް ބެލުމަށް ޓަކައި ފެންނަ ނުފެންނަ ވޯޓު ނެގުން އޮންނާނީ މިމޭ މަހުގެ 11 ވަނަ ދުވަހުގައި ކަމަށް ވަކިވެގަތުމަށް މަސައްކަތްކުރާ ޔުކްރޭންގެ އިދިކޮޅު ޖަމާއަތްތަކުން ބުނެ އެވެ. މި ވޯޓު ނެގުމަށް އެދެ ސަރަހައްދުގެ ލޯކަލް ސަރުކާރުތަކުން ތައްޔާރުވާ އިރު ޔުކްރޭންގެ މަސްރަހު އިތުރަށް ގޯސްވެ އެގައުމުވަނީ ދާޚިލީ ހަނގުރާމައެއްގެ ތުންފަތްމަތީގަ އެވެ.

ޔުކްރޭންގެ އިރުމަތީގެ ރަށެއްކަމަށްވާ ސޮލޮވިޔަންސިކްގައި ޔުކްރޭން ސިފައިންނާއި ވަކިވެގަތުމަށް މަސައްކަތްކުރާ ޔުކްރޭންގެ އިދިކޮޅު ޖަމާއަތްތަކާ ދެމެދު މިދިޔަ ހޯމަދުވަހު ވަރުގަދަކުރިމަތިލުމެއް ހިނާގފައިވާ އިރު ދެފަރާތުން ވެސް މަރުވެފައިވާ މީހުންގެ ޖަނާޒާ މިއަދު އޮންނާނެކަމަށް ޚަބަރުތައް ބުނެ އެވެ. ސޮލޮވިޔަންސިކްގައި ހިނގި ކުރިމަތިލުންތަކަށް ފަހު ވެސް ޔުކްރޭން ސިފައިންނާއި ރަޝިޔާ އަށް ތާއީދުކުރާ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކާ ދެމެދުމެދު ކެނޑެމުން ކަހަލަ ގޮތަކަށް ޙަމަލާތައް ބަދަލުކުރެވެމުން ދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޔުކްރޭންގެ ސަރަހައްދެއްގެ ގޮތުގައި ކުރިންއޮތް ކްރައިމިޔާވެސް ވަނީ ޔުކްރޭނުން ވަކިވެ ރަޝިޔާއާ ގުޅުމަށް ފެންނަ ކަމަށް އެސަރަހައްދުގެ ރައްޔިތުންގެ ވޯޓުދިނުމުން ރަޝިޔާއާ އެކު އިއްތިޙާދީ އެއްބަސްވުމެއްގައި ސޮއިކޮށް ރަޝިޔާގެ ބައެއްގެ ގޮތުގައި ހަމަޖައްސާފައެވެ. (ނޫސްއެޖެންސީތައް)