07 May 2014, 15:26
އިއްޔެ ހެނދުނު ނ. މާޅެންދޫ އުތުރު ފަރާތު ފަރަށް އެރި ހޯރަފުށީ "ރޯޝަން" ދޯނި ފުންކޮށްފި އެވެ.
މާޅެންދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ހަސަން މިއަދު ވިދާޅުވީ ފަރަށް އެރިދޯނި ފުންކުރަން އުޅުމުގެ ތެރޭގައި ބައެއް މީހުން ޒަޚަމްވެފައިވާ ކަމަށެވެ. ނަމަވެސް މަސްދޯނި ފުންކުރެވުނު އިރު، ދޯންޏަށް މާ ބޮޑެތި ގެއްލުންތަކެއް ނުވާކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލުން ބުނީ ދޯނި ފުންކުރީ އެ އަތޮޅު ލަންދޫ އާއި މާފަރު ބައެއްގެ އިތުރުން މާޅެންދޫ ރައްޔިތުން ގުޅިގެން އަދި ފުލުހުންނާއި އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު އިއްޔެ 3:30 އެހާކަންހާއިރު ކަމަށެވެ.
އެ ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ނޮދަން އޭރިޔާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމަކުން ގޮސް ވަނީ ދޯނި ފުންކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ފަށައިފަ އެވެ.
އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފް އިން ބުނީ ދޯނި އޮތް ސަރަޙައްދުގައި ރާޅު ގަދަ ވުމުގެ ސަބަބުން ދޯނި އެއްގަމަށް ލައްގަމުން ދާތީ، ވާ އަޅައިގެން ދޯނި ހިފެހެއްޓުމުގެ މަސައްކަތް ކުރި ކަމަށެވެ.
އެ ހާދިސާގައި ދޯނި ތިލަވެފައި ވަނީ "އާނު" ގާތަކެއް މައްޗައް ކަމުން ދޯންޏަށް މާބޮޑަތި ގެއްލުންތަކެއް ލިބިފައި ނުވާ ކަމަށާއި ހަމައެކަނި ހަލާކުވެފައި ވަނީ ދޯނި ހިފެހެއްޓުމަށް އެޅި ވާގަނޑު ޖެހުނު ހިސާބުން ތަންކޮޅެއް ކަމަށް ކައުންސިލުން ބުނެ އެވެ.