މާލޭގައި ހިނގި ފޭރުމުގެ ދެ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިއްޔެ ހިނގި ފޭރުމުގެ ދެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރުގެ ދެ މީހަކާއި 29 އަހަރުގެ މީހެއް ކަމަށެވެ.

އެ ދެމީހުންގެ ތެރެއިން 29 އަހަރުގެ މީހާ އާއި 23 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ބީދޭސީއެއްގެ އަތުން ފޯނެއް ފޭރިގަތް މައްސަލައަކާއި ގުޅިގެން ފެންޓަސީ ބޭކަރީ ކައިރިން އިއްޔެ ހަވީރު 3:30 ހާއިރު އެވެ. އަދި އެ ދެމީހުންގެ ތެރެއިން 23 އަހަރުގެ މީހާގެ އަތުން ބިދޭސީ މީހާގެ އަތުން ފޭރުނު ފޯނު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ހައްޔަރުކުރި 23 އަހަރުގެ މީހާއަކީ ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށާއި އަދި 29 އަހަރުގެ މީހާއަކީ ވައްކަމާއި މާރާމާރީ މައްސަލަތަކުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.

އިއްޔެ ހިނގި ފޭރުމުގެ ދެވަނަ މައްސަލައިގައި އުމުރުން 23 އަހަރުގެ މީހަކު ހައްޔަރުކޮށްފައި ވަނީ ރޭ އިރާކޮޅު 6:40 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ. އެމީހާ ހައްޔަރުކޮށްފައި ވަނީ ފޭރުމުގެ މައްސަލައަކާއި ގުޅިގެންނެވެ.

އަދި އޭނާ ހައްޔަރުކުރި އިރު، ފޭރިގަތް ކަމަށް ބެލެވޭ ވޮލެޓް އެމީހާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.