07 May 2014, 14:37
ސްކޫލް ނިންމާ ދަރިވަރުން ވަޒީފާ އަށް އަހުލުވެރިކުރުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ ސްޓޫޑަންޓް އިންޓާންޝިޕް ޕްރޮގްރާމް، "ދަސްވާރު"ގެ ދަށުން ދަރުމަވަންތަ ސްކޫލާއި އިސްކަންދަރު ސްކޫލްގެ ދަރިވަރުންތަކަށް ނަސަންދުރާ ޕެލެސް ހޮޓަލުން ފުރުސަތު ދީފި އެވެ.
އެ އިންޓާންޝިޕްގެ ދަށުން ނަސަންދުރާ ޕްލެސް ހޮޓަލުން އިސްކަންދަރު ސްކޫލްގެ ހަތަރު ކުއްޖަކާއި ދަރުމަވަންތަ ސްކޫލްގެ 11 ކުއްޖަކު ހުނަރު ހޯދާނެ އެވެ.
އިންޓާންޝިޕްގެ ޕްރޮގްރާމް، ނަސަންދުރާ ޕެލެސް ހޮޓެލްގައި ފުރިހަމަކުރާ ދަރިވަރުންނަށް ރަސްމީކޮށް އިންޓާންޝިޕް ހަވާލުކުރުމަށް މިއަދު އެ ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ދެ ސްކޫލާއި ނަސަންދުރާ ޕްލެސް ހޮޓަލާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.
އެ އެމްއޯޔޫގައި ދަރުމަވަންތަ ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ވަޖީހް ނަސީރު އެވެ. އަދި އިސްކަންދަރު ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު މައުސޫމް އެވެ.
އެމްއޯޔޫގައި ނަސަންދުރާ ޕްލެސް ހޮޓަލުގެ ފަރާތުން ސޮއިކުރެއްވީ، އެ ހޮޓަލުގެ ހެޑް އޮފް ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަން އައިޝަތު ޝިޒްލާ އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޝަފީއު އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، ކުރިން ވަޒީފާ ދިނުމުގައި ޖީސީއީ އޯލެވެލް އަަދި އޭލެވެލްގެ ފެންވަރަަށް ބެލި ނަމަވެސް މިއަދު ގައުމުގެ އިގްތިސާދް ފުޅާވަމުންދާ އިރު، ތަފާތު ދާއިރާތަކަށް ބެނުންވާ ހުނަރު ދައްކުވައިދޭން ޖެހޭ ކަމަށެވެ.
މީގެ އިތުރުން، އެޑިއުކޭޝަންގެ ތެރެއިން ރަނގަޅު އަހުލާގާއި މަސައްކަތަށް ބޭނުންވަ ހުނަރު ތިބި ދަރިވަރުން ނެރުނީމާ، ވަޒީފާ ދެވޭ އިރު، މުޖުތަމައު ގަބޫލްކުރާ ހަމަތަކަކަށް ސްކޫލްތަކުން ދަރިވަރުން ނުކުތީމަ ކުށް މަދުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، އަންނަ އަހަރުން ފެށިގެން ގައުމީ މަންހަޖު ތަންފީޒު ކުރެވިގެންދާ އިރު، ދަރިވަރުންނަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ.
"އަޅުނގަޑުމެން ގަބޫލުކުރާ ހަމަތަކަކަށް ސްކޫލްތަކުން ކުދިން ނެރުނީމަ، އޭރުން މަގުމަތީގައާއި އެކިއެކިތަންތަނުގައި އެއްވެސް ބޭނުމެއް ނުހިފޭ ކުދިން މަދުވާނެ. އޭރުން އަޅުނގަޑުމެން އެދޭގޮތަށް އަޅުނގަޑުމެންގެ ކުންފުނިތަކުގައި ދިވެހިން ވަޒީފާތަކުގައި ތިބޭނީ." ނަޒީރު ވިދާޅުވި އެވެ.
ވަޒީފާތަކަށް ދިވެހިން އުފައްދާ، ދިވެހި ގައުމު ތަރައްގީ ކުރުމަށްޓަކައި ދިވެހިން އަތްމައްޗަށް ހުރިހާ އިންޑަސްޓްރީތަކުގެ ބާރު އޮންނަން ޖެހޭ ކަމަށް ފާހަގަކުރައްވާ ނަޒީރު ވިދާޅުވީ، ދަސްވާރު ޕްރޮގްރާމްގައި ބިނާ ކުރެވިފައި ވާނީ، ވަޒީފާ އާއި ކިޔެވުމުގެ އިތުރު ފުރުސަތުތައް އޮންނާނެ ގޮތަށް ބަލާފައި ކަމަށެވެ.
އެގޮތުން މިއަދު ނަސަންދުރާ ޕެލެސް ހޮޓަލުން ދަސްވާރު ޕްރޮގްރާމްގައި ބައިވެރިިވާ ކުދިންނަކީ މުސްތަގްބަލުގައި އެ ދާއިރާތަކުން ދެވޭ އެންމެ މައްޗެއްގައި ތިބޭނެ ދަރިވަރުން ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ފޯމެކްސް ކޮމްޕިއުޓަރަށާއި ޓުއާ ގައިޑް އެސޯސިއޭޝަނަށް އިންޓާންޝިޕް ޕްރޮގްރާމްގެ ދަށުން ހުނަރު ހޯދަންދާ އިސްކަންދަރުގެ ނުވަ ދަރިވަރަކަށް ވެސް ވަނީ ރަސްމީކޮށް އިންޓާންޝިޕް ޕްރޮގްރާމްގެ ލިޔުން ހަވާލުކޮށްފަ އެވެ.
އެޑިއުކޭޝަން މިނިސްޓަރީން ބުނީ، މިއަދާ ހަމައަށް އައިރު 140 އަށްވުރެ ގިނަ އިންޓާންޝިޕްގެ ދަށުން އެކި ތަންތަނުން ހުނަރު ހޯދަމުންދާ ކަމަށެވެ.