ނެދަލެންޑްގެ ބޮސްކާލިސް ކުންފުނިން ތުލުސްދޫ ބިމަށް 33 ހެކްޓަރުގެ ބިން އިތުރު ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ހައުސިންގް މިނިސްޓްރީގެ އޮފިޝަލު މިއަދު ވިދާޅުވީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފެށި ނަމަވެސް ރަސްމީކޮށް އެ މަސައްކަތް ފެށުމަށް ހަަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހު ކަމަށެވެ.

ބޮސްކާލިސް ކުންފުންޏާ އެކު ހައުސިންގް މިނިސްޓްރީން ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް އޮތް 21 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

ހަތަރު ރަށެއްގެ ބިން ހިއްކުމަށް ސަރުކާރުން 570 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ އެ މަޝްރޫއުގެ ދަށުން އެންމެ ފަހުން އެކުންފުނިން ބިން ހިއްކާފައި ވަނީ ބ. އޭދަފުށީގަ އެވެ. އެ ރަށުގައި އެ ކުންފުނިން ވަނީ 25 ހެކްޓަރުގެ ބިން ހިއްކައި ނިންމައިފަ އެވެ. އަނެއް ދެ ރަށަކީ ދ. މީދޫ އާއި ކުޑަހުވަދޫ އެވެ.