"ޖޭޑް ބިސްޓްރޯ" ރެސްޓޯރަންޓުގައި ކުރިމަސް ފާހަގަ ކުރުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެ ރެސްޓޯރެންޓުގެ އިސް ފަރާތް ދޫކޮށްލައިފި އެވެ.


ފުލުހުންގެ މީޑިއާ ކޯޑިނޭޓާ ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމު މިއަދު ވިދާޅުވީ ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެ ރެސްޓޯރެންޓުގެ އިސް ފަރާތެއް ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެއީ ކިހިނެއް ހިނގައި ދިޔަ ކަމެއްތޯ ބެލުމަށް ކަމަށެވެ.


ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެ ރެސްޓޯރަންޓްގެ ކާކު ކަމެއް ފުލުހުން ނުބުންޏެވެ.


ފުލުހުންގެ މީޑިއާ ކޯޑިނޭޓަރު ވިދާޅުވީ ފުލުހުން އެ ތަނަށް ދިޔައީ އެ ރެސްޓޯރަންޓުގައި ކްރިސްމަސް ފާހަގަކުރާކަން އެނގިގެން ނޫން ކަމަށާއި ނަމަވެސް އެ ސަރަހައްދުގައި އާދަޔާ ހިލާފަށް މީހުން އެއްވެގެން އުޅޭ ކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން ކަމަށެވެ.


ސަން އޮންލައިންގެ ނޫސްވެރިން ރޭ 1:30 އެހާކަންހާއިރު އެ ސަރަހައްދަށް ދިޔައިރު ވެސް ފުލުހުން ވަނީ އެތަނަށް ނުވަދެވޭ ގޮތަށް ރެސްޓޯރަންޓު ބަންދުކޮށްފަ އެވެ. އޭރު ވެސް ބޭރަށް ފެންނަ ގޮތަށް ކްރިސްމަސް ގަހެއް ބަހައްޓާފައި ހުއްޓެވެ. އޭގެ 15 ވަރަކަށް މިނެޓް ފަހުން ފުލުހުންގެ ފޮރެންސިކު ޓީމެއް އެ ރެސްޓޯރަންޓުގެ ތެރެއަށް ވަދެ އެ ތަނުގެ ބޮކިތައް ނިއްވާލި އެވެ. ފުލުހުން ރެސްޓޯރެންޓް ބަންދުކޮށްގެން ބައިގަޑިއެއްހާއިރު ތިބުމަށް ފަހު އެތަން ދުކޮށް ދިޔައީ 2:30  އެހާކަން ހާއިރު އެވެ.


ޖޭޑް ރެސްޓޯރަންޓުގެ ތެރެއަށް އެއްވެސް ނޫސްވެރިއަކު ފުލުހުން ނުވެއްދި އެވެ. އެހެން ކަމާއެކު ރެސްޓޯރަންޓުގެ ތެރޭގައި އާންމުން ތިބި ކަމާއި އަދި ތިބީ ކިހާ އަދަދެއްގެ ބައެއް ކަމެއް ކަށަވަރެއް ނުވި އެވެ.


ކްރިމަސް ފާހަގަ ކުރަން ބޭނުންކުރާ ތަކެތި ޑިސްޕްލޭކޮށްގެން ޖޭޑް ރެސްޓޯރަންޓުގައި ކުރިސްމަސް ފާހަގަ ކުރިތަން ފެނުނު ބައެއް މީހުން ބުނީ އެ ރެސްޓޯރެންޓުގެ ތެރޭގައި ކްރިސްމަސް ޓްރީތަކާއި ކްރިސްމަސް ފާހަގަ ކުރުމަށް ބޭނުން ކުރާ ގިނަ އަދަދެއްގެ ތަކެތި ރެސްޓޯރެންޓުގެ ތަނބުތަކުގައި އެލުވާފައި ހުރި ކަމަށާއި ސްޓާފޯސްގެ ފުލުހުން ރެސްޓޯރަންޓަށް ވަދެ ބަންދު ކުރި އިރު ވެސް އެތަނުގައި ކުރިސްމަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ކުރިއަށްދިޔަ ކަމަށެވެ.


ޖޭޑް ރެސްޓޯރެންޓުގައި ކުރިސްމަސް ފާހަގަކުރުމުން ބަޔަކު މީހުން އެ ސަރަހައްދަށް އެއްވެ ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެ ސަރަހައްދުގައި ނުރުހުން ފާޅުކުރި ފަރާތްތަކުން ބުނަމުން ދިޔައީ ކުރިސްމަސް ފާހަގަ ކުރުމަކީ އެހެން ބައެއްގެ އަގީދާ އާއި ގުޅިފައިވާ ކަމެއް ކަމަށާއި އެފަދަ ކަންކަން ރާއްޖޭގައި ހިންގައިގެން ނުވާނެ ކަމަށެވެ.