19:00


އާތު އަވާ ފާހަގަކުރުމަށް، އިންޖީނުލީ އެއްޗެހި ދުއްވުން މަނާކޮށްފައި ވަނިކޮށް، ދުއްވައިގެން ބައެއް މީހުންގެ ލައިސަންސް ފުލުހުން ހިފަހައްޓައިފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އާތު އަވާ ފާހަގަކުރުމަށްޓަކައި ، މިއަދު ހަވީރު ހަތަރަކުން ފެށިގެން މިރޭ 12 އަށް އިންޖީނުލީ އެއްޗެހި ދުއްވުން މަނާކޮށްފައި ވަނިކޮށް ދުއްވައިގެން ބައެއް މީހުންގެ ލައިސަންސް ހިފަހައްޓާފައިވާއިރު، އަނެއް ބަޔަކު ހުއްޓުވައި ނަސޭހަތްތެރިވެފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް ހިފަހައްޓާފައި ވަނީ ކިހާ މީހުންނެއްގެ ލައިސަންސެއް ކަމެއް ފުލުހުންގެ އޮފިޝަލު ހާމައެއްނުކުރައްވަ އެވެ.


އާތު އަވާ ފާހަގަކުރުމަށް އިންޖީނުލީ އެއްޗެހި ދުއްވުން ސަރުކާރުން މަނާކޮށްފައިވީ ނަމަވެސް މިއަދު ހަވީރު ވެސް މަގުމަތީގައި އެއްޗެހި ދުއްވަމުން ދިޔަކަން ފާހަގަކުރެވެ އެވެ. އަދި އެގޮތަށް ދުއްވާ ބައެއް ފަރާތްތަކާ ސުވާލުކޮށްލުމުން އެ މީހުން ބުނީ ދުއްވާއެއްޗެހި ދުއްވުން މިއަދު މަނާކޮށްފައިވާ ކަމެއް އެނގިފައިނުވާ ކަމަށާއި އަދި އެގޮތަށް މަނާކުރި ނަމަވެސް އެއީ އެހާ ބުއްދިވެރިކަމެއް ކަމަށް އެމީހުން ގަބޫލުނުކުރާ ކަމަށެވެ.


ނަމަވެސް ބައެއް މީހުން ބުނަމުންދިޔައީ ދުއްވާ އެއްޗެހި ނުދުއްވާ ގޮތަށް އެންމެ ދުވަހެއް ވެސް ހަމަޖެހިގެން ދިއުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި އަދި އެމީހުން އެދެނީ އެފަދަ ހަރަކާތްތައް އިތުރުކުރުން ކަމަށެވެ.