ހުޅުމާލެ އާއި މާލެ އާދެމެދު ދަތުރުކުރުމަށް ފެރީތަކެއް ކުއްޔަށް ދޭން ފަރާތެއް ހޯދަން ކުރި އިއުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައި ނުވާ ކަމަށް ފެރީގެ ހިދުމަތް ދެމުންދާ އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީ އިން މިދިޔަ މަހު އިއުލާންކޮށްފައި ވަނީ ތިން ފެރީ ހޯދުމަށެވެ. އެ ކުންފުނީގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ ހެޑް އުސްމާން ހާފިޒް ވިދާޅުވީ 75 ފޫޓްގެ ތިން ފެރީ ކުއްޔަށް ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެން ފެރީތަކެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އިޖާބަދީފައެއްނުވޭ، " އުސްމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުޅުމާލެ އަށް ބޭނުންވާ ފެރީއެއް ކުއްޔަށް ދޭނެ ފަރާތެއް ނުލިބުމުން ފެރީއެއް ބަނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ބަނުމަށް ނިންމާފައި ވަނީ އެންމެ ފެރީއެއް ކަމަށާއި އެކަމަށް މިހާރު އިއުލާންކޮށްފައިވާ ކަމަށެވެ.

ކުއްޔަށް ހޯދުމަށް އިއުލާންކުރި ފެރީތަކަކީ 135 މީހުނަށް އެއްފަހަރާއި ދަތުރުކުރެވޭނެ ފެރީތަކެއް ކަމަށް އުސްމާން ވިދާޅުވި އެވެ.

ހުޅުމާލެ އާއި މާލެ ދޭތެރޭ މިހާރު ދަތުރުކުރަމުންދަނީ 13 ފެރީ އެވެ.