07 May 2014, 11:28
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނިންމަވައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ މިއަދު ވިދާޅުވީ ރައީސް އެގޮތަށް ނިންމެވީ ޕީޖީގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ އަދަދު މަދުކަމުން އެމަނިކުފާނުގެ އަތުގައި ހުރި "ޗޮއިސް މަދު" ކަމުން ކަމަށެވެ.
ޕީޖީގެ މަގާމަށް ކުރިމަތިލެއްވުމަށް ރައީސް އޮފީހުން ފުރަތަމަ ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ގާނޫނީ ވަކީލު މައުމޫން ހަމީދު އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އެވެ. ނަމަވެސް މައުމޫން ހަމީދު ޕީޖީގެ މަގާމަށް އައްޔަން ކުރެއްވުމަށް މަޖިލީހުގެ ރުހުން ނުލިބުނެވެ.
ޕީޖީގެ މަގާމަށް ކުރިމަތުލުމަށް ދެވަނަ ފަހަރަށް ރައީސް އޮފީހުން އިއުލާން ކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެ އިއުލާނާ ގުޅިގެން ކުރިމަތިލައްވާފައި ވަނީ ފަސް ބޭފުޅެކެވެ. އެއީ ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒު މުހުސިން އާއި ޑެޕިއުޓީ ޕީޖީގެ މަގާމުން އިސްތިއުފާދެއްވި ހުސައިން ޝަމީމް އާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ އާއި ޕީޖީ އޮފީހުގެ ވަކީލެއް ކަމަށްވާ މާލޭ ދަފްތަރު 5514 އާއިޝަތު ފަޒުނާ އަހްމަދުގެ އިތުރުން ކުރިން ފުލުސް އޮފީހުގައި މަސައްކަތް ކުރެއްވި ވަކީލެއް ކަމަށްވާ ދަފްތަރު ނަމްބަރު 7359 މުހައްމަދު ޝާހު އެވެ.