07 May 2014, 10:54
ލަންކާގެ އަވަށެއް ކަމަށްވާ ޗިލާއޯ އަށް ކުރި ވިއްސާރާގައި "މަހުގެ ވާރޭ" ވެހިއްޖެ އެވެ.
އެ އަވަށު މީހުންނާ ހަވާލާދީ ބީބީސީ ގައި ބުނެފައި ވަނީ، މިދިޔަ ހޯމަ ދުވަހު އެ އަވަށަށް ކުރި ވިއްސާރައިގައި މަތިން ބަރު އެއްޗެހިތަކެއް މަގުތަކަށާއި ފުރާޅުތަކު މައްޗަށް ފައިބަމުން ދިޔަ ކަމަށާއި ބެލި އިރު އެއީ ކާން ކަމުދާ ވަރުގެ ކުދި މަސްތަކެއް ކަމަށެވެ.
މަތިން ވެހުނު މަސްތަކުގެ ބަރުދަނުގައި ޖުމްލަ ބަރުދަނުގައި 50 ކިލޯ ހުރި އިރު އެ މަސްތަކުގެ ދިގުމިނުގައި ގާތްގަނޑަކަށް 3-5 އިންޗި ހުންނާނެ ކަމަށާއި އަދި ވެހުނު ބައެއް މަސްތައް ވެހުނު އިރު މަރު ވެސް ނުވާ ކަމަށް އެ އަވަށު މީހުން ބުންޏެވެ.
ލަންކާގެ އެކި ސަރަހައްދުތަކަށް މީގެ ކުރިން ތިން ފަހަރަކު "މަހުގެ ވާރޭ" ވެހިފައިވާ އިރު، 2012 ވަނަ އަހަރުގެ ތެރޭގައި ލަންކާގެ ދެކުނުގެ ސަރަހައްދަކަށް ވަނީ "ޑިނގާ ވާރޭ" ވެސް ވެހިފަ އެވެ.
މަހުގެ ވާރޭ ވެހެން މެދުވެރިވާ ސަބަބާއި ގުޅޭގޮތުން ސައިންސްވެރިން ބުނަނީ، އެގޮތަށް މެދުވެރިވަނީ ތިލަ ކޯރުތަކާއި ދިމާލުގައި އެނބުރޭ ވައިރޯޅި އުފެދި އެ ކޯރުގައި ހުންނަ ހުރިހާ އެއްޗެއް ވާރޭ ވިލާތަކުގެ ތެރެއަށް ދަމައިގަތުމުން ކަމަށެވެ. އަދި އެހެން ދަމައިގަންނަ އިރު، މޫދުގައި އުޅޭ މަހާއި ވެނާ ބޮއް ފަދަ އެއްޗެހި ވެސް ދަމައިގަންނާނެ ކަމަށް ސައިންސްވެރިން ބުންޏެވެ.