07 May 2014, 10:46
މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މުއާސަލާތީ ހިދުމަތުން ޖީއެސްޓީ ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ނަމަވެސް، އޭޕްރީލް މަހުގެ ފޯނު ބިލުން ވެސް ޖީއެސްޓީ ނެގުމަކީ ގާނޫނާ ހިލާފު ކަމެއް ނޫން ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން މީރާގެ ޑިރެކްޓަރު ޖެނެރަލް އޮޑިޓް އެންޑް ފައިނޭންސް ފަތުހުﷲ ޖަމީލު ވިދާޅުވީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގައި އެކަން އެގޮތަށް ހާމަކޮށްފައި އޮތުމުން އޭޕްރީލް މަހުގެ ބިލަށް ވެސް ޖީއެސްޓީ ނެގޭނެ ކަމަށެވެ.
"ގާނޫނުގެ 17 ވަނަ މާއްދާގަ ވަރަށް ރަނގަޅަށް ބަޔާންކޮށްފައި އޮންނާނެ މުއާސަލާތީ ހިދުމަތުން ޖީއެސްޓީ ނަގަން ފަށާ ދުވަހުން (މެއި އެކެއް) ފެށިގެން ތައްޔާރުކުރާ ކޮންމެ ބިލަކަށް އެ ބިލަށް ކުރިން ފައިސާ ދައްކާފައި ނުވާ ނަމަ ޖީއެސްޓީ ނެގޭނެކަމަށް." ފަތުހުﷲ ވިދާޅުވި އެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން ނަމަ މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިން ވަގުތުކަމަށް ބަލާނީ ދެ ވަގުތެއްގެ ތެރެއިން ކުރިންއަންނަ ވަގުތެއް ކަމަށެވެ. އެގޮތުން އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގައްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތު ނުވަތަ މުދާ ގަންނަ ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތުން އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގު އެކުގައި ނުވަތަ އެ އަގުގެ ބައެއް އަދާކުރާ ވަގުތު އެ ދެވަގުތުގެ ގޮތުގައި ބެލެވޭކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.
އެހެންކަމުން އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ނަމަ މެއި މަހުން ފެށިގެން މުއާސަލާތީ ހިދުމަތުން ޖީއެސްޓީ ނަގަން ފަށާފައިވީ ކަމުގައި ވިޔަސް އޭޕްރީލް މަހުގެ ބިލް ތައްޔާރުކުރަނީ މެއި މަހުގައި ކަމަށް ވާތީ އޭޕްރީލް މަހުގެ ބިލުން ޖީއެސްޓީގެ ހަޕަސެންޓް ނެގޭނެ ކަމަށް މީރާ އިން ބުންޏެވެ.
ދިރާގުގެ ސީނިއާ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަން އެގްޒެކްޓިވް އިމްޖާދު ޖަލީލް ވިދާޅުވީ މެއިމަހު ތައްޔާރު ކުރާ އޭޕްރީލްމަހުގެ ހުރިހާ ބިލަކަށްވެސް ޖީއެސްޓީ ނަގަމުން އަންނަ ކަމަށާއި އޭގެ ސަބަބުން ކަސްޓަމަރުންގެ ޝަކުވާ ހުށައަޅަމުން އަންނަ ކަމަށެވެ.
މެއި މަހު ތައްޔާރުކުރި އެޕްރީލު މަހުގެ ބިލްގައި ވަނީ ޖީއެސްޓީ ހިމަނައިފަ އެވެ.