07 May 2014, 10:43
ޖުވެނައިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ޝަރީއަތް ކުރިއަށް ގެންދާނެ ގޮތަކާ މެދު އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިންގެ ލަފާފުޅަކަށް އެ ކޯޓުން އެދިއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދާނެ ގޮތަކާއި އަދި ކޯޓަށް އަލަށް މައްސަލައެއް ހުށަހެޅިއްޖެ ނަމަ ބަލައިގަތުމުގައި އަމަލުކުރާނެ ގޮތުގެ ލަފާފުޅަކަށް އެދިފައި ވަނީ އިއްޔެ ކަމަށެވެ.
"އުއްތަމަ ފަނޑިޔާރުގެ ލަފާފުޅަކަށް އެދިފައި ވަނީ އިއްޔެ. ނަމަވެސް އަދި މިހާތަނަށް ޖަވާބެއް ނުލިބޭ،" އޮފިޝަލް ވިދާޅުވި އެވެ.
ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް އިސްތިއުފާދެއްވުމުން ޕީޖީ އޮފީހުގެ ވަކީލުން ވަނީ ކޯޓުތަކަށް ހާޒިރުވުމަށް އުޒުރުވެރިވެވަޑައިގެންފަ އެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެފައި ވަނީ ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް މިހާރު އޮތް ރައްޔިތުންގެ މަޖިލީހަށް ނަންފުޅެއް ނުފޮނުވާނެ ކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ އާ މަޖިލީހުގެ ޖަލްސާތައް ފެށުމުން މަޖިލީހަށް ނަންފުޅެއް ފޮނުވަން ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.