ވޮޝިންޓަން (މޭ 7) : ނައިޖީރިޔާގެ ހަރުކަށި ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމް ޖަމާއަތުން ވަގަށްނަގާފައިވާ ދުއިސައްތައަށް ވުރެ ގިނަ އަންހެން ކުދިން ހޯދައި އެކުދިން މިނިވަން ކުރުމަށް އެމެރިކާ އަށް ކުރެވެންއޮތް ކޮންމެ ކަމެއް ކޮށްދޭނެ ކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ޓީވީ ނެޓްވާކެއް ކަމަށްވާ އެންބީސީ ނިއުޒް އަށް ދެއްވި ބަސްދީގަތުމެއްގައި އޮބާމާ ވިދާޅުވީ ނައިޖީރިޔާގެ ރައީސް ގުޑްލަކް ޖޮނަތަން އެމެރިކާގެ މިހުށަހެޅުން ގަބޫލުކުރައްވާފައިވާ ކަމަށާ ވަގަށް ނަގާފައިވާ އަންހެން ކުދިންތައް ހޯދައި އެކުދިން މިނިވަން ކުރުމަށް ނައިޖީރިޔާ ސަރުކާރާ ގުޅިގެން އެމެރިކާގެ ކަމާބެހޭ ދާއިރާތަކުން މަސައްކަތްތަކެއް ވަރަށް އަވަހަށް ފަށާނެ ކަމުގަ އެވެ.

ނަމަވެސް ބޯކޯ ހަރާމް ޖަމާއަތާ ދެކޮޅަށް ހަރަކާތްތެރިވުމަށް އެމެރިކާގެ ސިފައިން ނައިޖީރިޔާއަށް ފޮނުމަކީ ދުރުކަމެއް ކަމަށާ އެމެރިކާ ސިފައިން އެޖަމާއަތާ ދެކޮޅަށް ޢަސްކަރީ އޮޕަރޭޝަނެއް ފަށާ ނަމަ މައްސަލަ އިތުރަށް ގޯސްވެ އެޖަމާއަތުގެ ނުރައްކާ މިހާރަށްވުރެ ބޮޑަށް އިތުރުވެގެންދާނެ ކަމަށް ކަމާ ބެހޭ ތަހްލީލީ ރިޕޯޓްތައް ބުނެ އެވެ.

ދީނީ ގޮތުން ހައްދު ފަހަނަޅާފައިވާ ހަރުކަށި ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމް ޖަމާއަތަށް ނިސްބަތްވާ ހަނގުރާމަވެރިންގެ ބަޔަކު ނައިޖީރިޔާގެ އަންހެންކުދިންގެ ބޯޑިންގް ސުކޫލަކަށް ހަތިޔާރާއެކުވަދެ 276 އަށްވުރެ ގިނަ އަންހެންކުދިން ވަގަށްނަގާފައި ވަނީ މިދިޔަ އެޕްރީލް މަހުގެ ފަހުހަފްތާގަ އެވެ. ވަގަށް ނެގި ކުދިންގެ ތެރެއިން 53 ކުއްޖަކު ފިލައިގެން ބޯކޯ ހަރާމް ޖަމާއަތުގެ ހަނގުރާމަވެރިންގެ ކިބައިން ސަލާމަތްވެފައިވާ އިރު އަދިވެސް 223 ކުއްޖަކު ވަނީ އެޖަމާއަތުގެ އަތްދަށުގަ އެވެ.

ބޯކޯ ހަރާމް ޖަމާއަތުން ވަނީ މިއަންހެން ކުދިންތައް އަޅުންގެގޮތުގައި ވިއްކާލާނެ ކަމުގެ އިންޒާރުދީފަ އެވެ. މީގެ އިތުރުން ނައިޖީރިޔާގެ ބޯނޯ ސްޓޭޓްގެ ވިލެޖަކުން އިތުރު އަށް އަންހެންކުއްޖަކު މިދިޔަ އާދީއްތަ ދުވަހުގެ ރޭ ވެސް ވަނީ ވަގަށް ނަގާފަ އެވެ. މިޖަރީމާގެ ފަހަތުގައި ވެސް ވާކަމުގެ ތުހުމަތު ކުރެވެނީ ބޯކޯ ހަރާމް ޖަމާއަތުގެ ހަނގުރާމަވެރިންގެ މައްޗަށް ކަމަށް ނައިޖީރިޔާ ސަރުކާރުންވަނީ ބުނެފަ އެވެ. ބޯކޯ ހަރާމް ޖަމާއަތުގެ ހަނގުރާމަވެރިން ވަގަށްނަގަމުން ގެންދަނީ އުމުރުން ނުވަ އަހަރާއި 16 އަހަރާ ދެމެދުގެ އަންހެންކުދިންނެވެ. މިގޮތަށް ވަގަށްނަގާ އަންހެންކުދިންގެ ތެރެއިން ބައެއްކުދިން އެޖަމާއަތުގެ އަޅުވެތިކަމުން ސަލާމަތްވާއިރު ތިބެނީ މާބަނޑުވެފައި ކަމަށް ޚަބަރުތައް ބުނެ އެވެ. ބޯކޯ ހަރާމް ޖަމާއަތުން ވަގަށްނަގާ އަންހެންކުދިންގެ ތެރެއިން ނުވަ އަހަރުގެ ކުދިންނާ އަދި 12 އަހަރުގެ ކުދިންނާ އެޖަމާއަތުގެ ލީޑަރު އަބޫބަކުރު ޝެކައޫ، ވަރަށް ގިނައިން ކައިވެނިކުރާ ކަމަށް އޭނާ ވަނީ އިއުތިރާފް ވެފަ އެވެ.

ބޯކޯ ހަރާމް ޖަމާއަތުން ނައިޖީރިޔާގެ ކަންކޮޅުތަކުގައި ހިންގަމުން ގެންދާ ބޮންގޮއްވުމުގެ ހަމަލާތަކުގައި މިދިޔަ އަހަރު ވެސް ދޮޅު ހާހަށް ވުރެ ގިނަމީހުން މަރާލާފައިވާ ކަމަށް ނައިޖީރިޔާގެ އަމަނާބެހޭ ދާއިރާތަކުން ބުނެފައިވެ އެވެ. (ނޫސްއެޖެންސީތައް)