މި މަހު 19 ވަނަ ދުވަހު ރާއްޖޭގައި ފަށާ އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ރާއްޖޭގެ ގައުމީ ޓީމާއި ލާއޯސްގެ ގައުމީ ޓީމާ ދެމެދު އެކުވެރި ކަމުގެ ފުޓްބޯޅަ މެޗެއް ކުޅަމަށް ހަމަޖެހިއްޖެ އެވެ.

ލާއޯސްއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ކުޅޭ މި މެޗް ހަމަޖެހިފައި މިވަނީ އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދު ލާއޯސްގެ ފުޓްބޯޅަ ފެޑަރޭޝަންގެ ރައީސް އަށް ގުޅުއްވައި ކުރެއްވި މަޝްވަރާތަކަށް ފަހު އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހު 13 ވާ އަންގާރަ ދުވަހުގެ ރޭ 9:00ގައި ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގަ އެވެ.

އެފްއޭއެމް އިން މައުލޫމާތުދޭ ގޮތުގައި، މި މެޗުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައި ވަނީ ޗެލެންޖް ކަޕުގެ ޓިކެޓްތަކެކޭ ވެސް އެއްގޮތަށް ގޮނޑި ބަރިން ޓިކެޓެއް 50 ރުފިޔާ އަށް އަދި ސިޑިބަރިން ޓިކެޓެއް 25 ރުފިޔާ އަށް ކަމަށެވެ.

އެފްއޭއެމުން މީގެ ކުރިން ވަނީ ލަންކާގެ ގައުމީ ޓީމާއި އެކު ނޫނީ ލާއޯސްގެ ގައުމީ ޓީމާއި އެކު އެކުވެރިކަމުގެ މެޗެއް ކުޅުމަށް މަސައްކަތް ކުރަމުންދާކަން ހާމަކޮށްފަ އެވެ. އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރު ވުމުގެ ގޮތުން ގައުމީ ޓީމު ވަނީ ތައިލެންޑްގައި ވެސް ތަމްރީންތަކެއް ހަދާ މެޗްތަކެއް ކުޅެފަ އެވެ.

ޗެލެންޖް ކަޕްގެ ގްރޫޕް އޭގައި ރާއްޖެއާ ވާދަކުރާނީ ފަލަސްތީނާއި މިޔަންމާ އަދި ކިރްގިސްތާނެވެ. މި ގްރޫޕުގެ މެޗުތައް ކުޅޭނީ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގަ އެވެ.