29 Dec 2010, 06:00
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި މުސާރައިގެ އޮނިގަނޑުގައި އިތުރަށް ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއިން ފާސްކުރި 249.6 މިލިއަން ރުފިޔާ ހިމަނައިގެން އެ އޮނިގަނޑު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ތަންފީޒު ކުރައްވަން ވަރަށް ބޮޑަށް އުނދަގޫފުޅު ވާނެ ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މުސާރާއިގެ އޮނިގަނޑު ކޮމެޓީން ފޮނުވި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއިން ފާސްކުރުމާ ގުޅިގެން ޒުހައިރު މިއަދު ވިދާޅުވީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް ފާސްކުރާއިރު އޭގެ މައިގަނޑު އަދަދުތަކަށް ބަދަލު ނާންނާނެ ކަމަށް ކޮމެޓީން ބުނާ އިރު، މުސާރާއިގެ އޮނިގަނޑު ބަޖެޓްގައި ހިމެނިއިރު ބޮޑެތި އަދަދުތަކެއް ހުރުމުން ރައީސް ނަޝީދު އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އެ އޮނިގަނޑާ އެއްގޮތަށް ބަޖެޓް ފާސްކޮށްފި ނަމަ، އެކަން ތަންފީޒު ކުރުމަށް ވެސް ރައީސް ނަޝީދަށް ދަތިފުޅުވާނެ ކަމަށް ޒުހައިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީސް މެންބަރުން އެ ކަމަށް ވިސްނާވަޑައިގެން ދެ ވަނަ ވިސްނެވުމަކަށް ވަޑައިގަތުމަކީ ރައީސް ނަޝީދު އެދިވަޑައިގަންނަވާ ގޮތް ކަމަށެވެ. އަދި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އިޔާދަ ކުރައްވާނެ ކަމަށް ސަރުކާރުން ވިދާޅުވަމުން އަންނަ ދަނޑިވަޅެއްގައި އަނެއްކާ ވެސް އިތުރު އަދަދުތަކެއް ބަޖެޓްގައި ހިމެނުމުން ވަރަށް ބޮޑަށް ސަރުކާރަށް ދަތިވާނެ ކަމަށް ވެސް ޒުހައިރު ވިދާޅުވި އެވެ. ނަމަވެސް ސިވިލްސާވިސް މުވައްޒަފުންގެ މުސާރަ އިޔާދަކުރައްވާނީ އަންނަ އަހަރު ކަމެއް ޒުހައިރު ވިދާޅެއް ނުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގައި ދައުލަތުގެ މުސާރައިގެ އާ އޮނިގަނޑު އެކުލަވާލި މާލިއްޔަތު ކޮމެޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެފައި ވަނީ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުގެ ސަބަބުން 249.6 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުވެގެންދާނެ ކަމަށެވެ.
އެގޮތުން ޖުޑީޝަރީގެ މުސާރަ އާއި އޮނިގަނޑަށް ގެނައި ބަދަލުގެ ސަބަބުން 87 ޕަސެންޓް ޖުޑީޝަރީގެ މުސާރައަށް އިތުރުވެގެންދާއިރު، ލޯކަލް ކައުންސިލްތަކަށް އިއްތިހާބުވާ މެންބަރުންނާއި ދެ ސިޓީގެ މޭޔަރުންގެ ކާރުކޮޅާއި އެ ބޭފުޅުންގެ އިންޝުއަރެންސަށް 191 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި މިހާރު ލިބޭ 62500 ރުފިޔާގެ އިތުރަށް، މާލިއްޔަތު ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތިން މެމްބަރަކަށް މަހަކު 20،000 ރުފިޔާ ދިނުމުގެ އިޚްތިޔާރުދީ، ދައުލަތުގެ މުސާރައިގެ އޮނިގަނޑުގައި ހިމަނައިފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މުސާރައިގެ އޮނިގަނޑު ފާސްކުރުމަށް 62 މެންބަރުން ވޯޓުދެއްވި އެވެ.