07 May 2014, 09:35
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ނުކުރެވި، ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެެނެރަލް ހުސައިން ޝަމީމް އިސްތިއުފާ ދެއްވުމުން ޖިނާއީ އަދުލުގެ ނިޒާމް ހުއްޓިގެން ދިއުމުގެ ފަހަތުގައި ބައެއްގެ ރޭވުންތެރިކަމެއްވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ގާނޫނު ބުނާ ގޮތުން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވަން ޖެހޭނީ ޕްރޮސެކިއުޓާ ޖެނެރަލް އެވެ. ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި އަހްމަދު މުއިއްޒު މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އިސްތިއުފާދެއްވި ފަހުން މިހާތަނަށް އެމަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައެއް ނުވެ އެވެ.
"ކުއްލިގޮތަކަށް ޑެޕިއުޓީ ޕީޖީ އިސްތިއުފާ ދެއްވަން ޖެހުނު ސަބަބެއް ވެސް ހޯދަން އެބަޖެހޭ. އެއީ ކޮންބައެއްގެ ހިތްވަރުންތޯ، ނުވަތަ ކޮންބައެއް ކޮންކަމެއް ހާސިލުކުރުމަށް ކުރުވި މަސައްކަތެއްތޯ އެބަ ބަލަން ޖެހޭ. މިއީ ބަޔަކު ރޭވުންތެރިކަމާ އެކު ޖުޑީޝަރީ އިހުނަށްވުރެ ބޮޑަށް ހަލާކުކޮށްލަން ވެގެން، އަދި ޖުޑިޝަރީގެ މި ވަގުތު އޮތް ހާލަތުގެ ނާޖާއިޒު ފައިދާތަކެއް ނެގުމަށް ކޮށްގެން ދިޔަ މަސައްކަތެއް،" ސަން ޓީވީ ޕްލަަސްގެ ފަންސާސް މިނެޓް ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ، އެ މައްސަލައިގެ ޒިންމާ ނަގަން ޖެހޭނީ އިސްތިއުފާ ދެއްވި ޕީޖީ މުއިއްޒުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ މަސައްކަތްކުރި ފަރާތްތަކާއި ރައްޔިތުންގެ މަޖިލީސް ކަމަށެވެ.
"ޕީޖީގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މަސައްކަތް ހިންގި ދުވަސްވަރު މުއިއްޒު އަމިއްލަ އަށް ވެސް ވިދާޅުވި، އެބޭފުޅާ ގެއަށް ފޮނުވާލުމުން މިކަމަށް ނިމުމެއް އައީކީ ނޫނޭ. އެހެން ވިދާޅުވެ، އޮއްވާ ކުއްލިއަކަށް އަޅުގަނޑުމެންނަށް ފެނިގެން ދިޔަ މަޖުބޫރީ ހާލަތަކަށް އައިސްގެން އެ މަނިކުފާނަށް އިސްތިއުފާ ދެއްވަން ޖެހުނު ތަން. އޭރު އެ ވޯޓަށް އިސްނެންގެވި ފަރާތްތަކަކީ ވެސް ނުސީދާ ގޮތެއްގައި މިއަދުގެ މިހާލަތަށް ޒިންމާ އުފުލަން ޖެހޭނެ އެއް ފަރާތް. ދެން އޮތް ފަރާތަކީ ރައްޔިތުންގެ މަޖިލީސް،" އެމްޑީޕީ އަށް އިޝާރާތް ކުރައްވައި ނިހާން ވިދާޅުވި އެވެ.
ވިލިމާފަންނު ދާއިރާގެ މެންބަރު އިތުރަށް ވިދާޅުވި ގޮތުގައި، މުއިއްޒު އިސްތިއުފާ ދެއްވުމަށް ފަހު، ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ފެނިގެން ދިޔައީ ތަފާތުކޮށް ދެކޮޅުން ދެކޮޅުން ދަމަން މަސައްކަތްކުރި ތަން ކަމަށެވެ.
"މިހާރު މި އޮތް ސިސްޓަމްގައިވާ ގޮތުން ޖުޑިޝަރީގެ ބެލެނިވެރި ފަރާތަކީ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު. ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުއްވާފައި އޮތް އަމުރުގައިވާ ގޮތުން ޕީޖީއެއް ނެތް ކަމަކު ޝަރީއަތްތައް މަޑުޖައްސާލާކަށް ނުޖެހެއޭ. އެ ދުވަހުގެ އަމުރާ އެކުގައި އަޅުގަނޑުމެންނަށް ފެނިގެންދިޔަ ތަފާތުކޮށް ދެކޮޅުން ދެކޮޅުން ދަމަން މަސައްކަތްކުރި ތަން. އެއް ބަޔަކު ގަބޫލުކުރާ ގޮތުގައި އެގޮތަކަށް އެކަމެއް ނުހިނގާނެ. މި ވަގުތު އިހުނަށް ވުރެ ބޮޑު ކަންބޮޑުވުމެއް އެބައޮތް،" ނިހާން ވިދާޅުވި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގައި ރައީސް އޮފީސް އޮފީހުގެ މަސްއޫލިއްޔަތު ކަމުގައިވާ އެމަގާމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ގާނޫނުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން އިއުލާން ކުރެއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް އޮފީހުން ފޮނުވި ގާނޫނީ ވަކީލު މައުމޫން ހަމީދުގެ ނަންފުޅަށް ވޯޓަށް އަހާފައި ވަނީ ގާނޫނުގައި ބުނާ މުއްދަތު ހަމަވިފަހުންނެވެ.
މައުމޫން ހަމީދު އެ މަގާމަށް އައްޔަން ކުރަން މަޖިލީހުގެ ރުހުން ނުލިބުމުން ދެވަނަ ފަހަރަށް ރައީސް އޮފީހުން ކުރި އިއުލާނާ ގުޅިގެން ފަސް ބޭފުޅަކު ވަނީ އެމަގާމަށް ކުރިމަތިލައްވައިފަ އެވެ.