07 May 2014, 09:11
ރިޔާޟް (މޭ 7): އަލްގާއިދާ އަށް ނިސްބަތްވާ ކަމަށް ތުހުމަތު ކުރެވޭ 62 މީހަކު ހައްޔަރުކޮށްފި ކަމަށް ސައޫދީ ސަރުކާރުން ބުނެފި އެވެ.
ސައޫދީ ދާޚިލީ ވުޒާރާ އިން ބުނީ އެ 62 މީހުންނަކީ ސައޫދީ ރައްޔިތުން ކަމަށާއި ސައޫދީ ސަރުކާރުގެ ބައެއް ތަންތަނަށާއި ސައޫދީ ގައިވާ ބޭރުގައުމުތަކުގެ ބައެއް މަސްލަޙަތުތަކަށް ޙަމަލާތައް ދޭން ރާވަމުންދާކަމުގެ ތުހުމަތު ވެސް އެމީހުންގެ މައްޗަށް ކުރެވޭ ކަމުގަ އެވެ. އަދި މި 62 މީހުން، ސޫރިޔާގައި ހަނގުރާމަކުރަމުން ގެންދާ ހައްދުފަހަނަޅާފައިވާ ދެ ޖަމާއަތް ކަމަށްވާ އައްނުސްރާ ފްރަންޓާއި "ދި އިސްލާމިކް ސްޓޭޓް ފޯ އިރާޤް އެންޑް ލެވެންޓް" ޖަމާއަތާ ސިއްރިޔާތުގައި މުޢާމަލާތްތައް ކުރަމުންގެންދާ ކަމުގެ ހެކިތައް ލިބިފައިވާ ކަމަށް ވެސް ސައޫދީ ދާޚިލީ ވުޒާރާއާ ޙަވާލާދީ އެގައުމުގެ ރަސްމީ ނޫސްއެޖެންސީ ބުނެ އެވެ.
މިއީ ސައޫދީ ރައްޔިތުންގެ ތެރޭގައި ހިމެނޭ ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ މީހުންގެ ތެރެއިން މިހާގިނަ އަދަދެއްގެ ބަޔަކު މިފަހަކަށް އައިސް އެއްވަގުތެއްގައި ހައްޔަރު ކުރި ފުރަތަމަ ފަހަރުކަމަށް ރިޕޯޓްތައް ބުނެ އެވެ. ސައޫދީ ބައެއް މަސްއޫލުވެރިން ވިދާޅުވާ ގޮތުން ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައާ ގުޅިގެން ދީނީ ގޮތުން ހައްދު ފަހަނަޅައި ދިޔުމުގެ މައްސަލަ ސައޫދީގައި ވަނީ އާދަޔާ ޚިލާފަށް ބޮޑުވާން ފަށާފަ އެވެ. ސައޫދީ ސަރުކާރުން ވަނީ ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމައިގާ ބައިވެރިވުން ސައޫދީ ރައްޔިތުންނަށް މަނާކުރުމުގެ އަމުރެއް ވެސް ނެރެފަ އެވެ.
ޓެރަރިޒަމްގެ ތުހުމަތުގައި ނޫނީ އަލްގާއިދާ އަށް ނިސްބަތްވާ ކަމުގެ ތުހުމަތުގައި ސަޢޫދީ ސަރުކާރުން ހައްޔަރުކުރަމުން ގެންދާ މީހުންނަކީ ސައޫދީ ރަސްކަމުގެ ނިޒާމާ ދެކޮޅަށް ސިޔާސީ ގޮތުން ހަރަކާތްތެރިވާ އިސްލާޙީ ފިކުރުގެ މީހުން ކަމަށް ސައޫދީ ގައި ވެރިކަންކުރާ ވޮރާސީއާއިލީ ރަސްކަމުގެ ނިޒާމާ ދެކޮޅަށް ސުލްޙަވެރިގޮތުގައި ޙަރަކާތްތެރިވާ ސިޔާސީ ފަރާތްތައް ބުނަމުން ގެންދެ އެވެ. މިގޮތުން ސިޔާސީ ކުށްވެރިންގެ ގޮތުގައި ބެލެވޭ އެތައް ހާސް ސައޫދީ ޒުވާނުން، ޓެރަރިޒަމްގެ ބަހަނާގައާއި އަލްގާއިދާ އަށް ނިސްބަތްވާ ކަމުގެ ތުހުމަތުގައި ސައޫދީ އަރަބިޔާގެ ޖަލުތަކުގައި އެއްވެސް ޝަރީޢަތަކާނުލައި ހައްޔަރުކޮށްފައިވާ ކަމަށް ވެސް ސައޫދީ އަރަބިޔާ އިން ބޭރުގައި ހަރަކާތްތެރިވާ އެގައުމުގެ އިދިކޮޅު ޖަމާއަތްތަކުން ބުނެ އެވެ. (ރޮއިޓާސް)