ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް މިހާރު އޮތް ރައްޔިތުންގެ މަޖިލީހަށް ނަމެއް ނުފޮނުވާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ އޮފިޝަލަކު މިރޭ ވިދާޅުވީ، ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް މިހާރު މިއޮތް ރައްޔިތުންގެ މަޖިލީހަށް ނުފޮނުވުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނިންމަވާފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ރައީސް އެގޮތަށް ނިންމެވީ، މިހާރު އޮތް މަޖިލީހަށް ނަންފުޅެއް ފޮނުވައިގެން ފާސްކުރެވިދާނެ ކަމުގެ ފުރިހަމަ ޔަގީންކަށް ނެތުމުން ކަމަށެވެ.

"ރައީސް ޔާމީނަކަށް ފުރިހަމަ ޔަގީންކަމެއް ނެތް މިހާރު އޮތް މަޖިލީހަށް އަނެއްކާ ވެސް ނަންފުޅެއް ފޮނުވައިގެން ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ބޭނުންވާ އަދަދުކަމުގައިވާ 39 މެމްބަރުންގެ ވޯޓު ލިބިދާނެ ކަމަށް. އެހެންވީމަ އެމަނިކުފާނު ނިންމެވީ އަލަށް އިންތިހާބުވި މެމްބަރުން ހުވާކުރެއްވީމަ މަޖިލީހަށް ނަންފުޅެއް ފޮނުވަން،" އޮފިޝަލް ވިދާޅުވިއެވެ.

ރައީސް ޔާމީން ދެކެވަޑައިގަންނަވާ ގޮތުގައި މިފަދަ ދަނޑިވަޅެއްގައި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އިސްތިއުފާ ދެއްވުމަކީ ޣައިރުޒިންމާދާރު ނިންމުމެއް ކަމަށާއި އޭނާ އިސްތިއުފާދެއްވިޔަސް ކޯޓުތަކުން ހުއްދަކުރާނަމަ ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ސަރުކާރުގެ އޮފިޝަލް ވިދާޅުވިއެވެ.

"ކްރިމިނަލް ކޯޓުގެ އިސް ގާޒީ ވިދާޅުވަނީ މައްސަލަތައް ކުރިއަށްގެންދަން ބޭނުންފުޅުވާކަމަށް. އެހެންވީމަ ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި ޖިނާއީ މައްސަލަތައް ކުރިއަށް ގެންދެވޭނެ. ޝަރީއަތްތައް ހުއްޓިފައި ވަނީ ކޯޓުތަކުގެ މައްސަލައެއް އޮވެގެނެއް ނޫން. ޕީޖީ އޮފީހުގެ ވަކީލުން ކޯޓުތަކަށް ވަޑައިގަންނަވަން އުޒުރުވެރިވެވަޑައިގަތުމުން،" ސަންއަށް މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލާއި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމް އެއްފަހަރާ ހުސްވެއްޖެނަމަ ދެން އަމަލުކުރާނެ ގޮތެއް ގާނޫނުގައި ބަޔާންކޮށްފައެއް ނުވެއެވެ. މިހާލަތުގައި އަމަލުކުރާނެ ވަކިގޮތެއް ސުޕްރީމް ކޯޓާއި އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް މިހާތަނަށް އަންގަވާފައެއް ނުވެއެވެ.