ނޮވެލްޓީ ބުކްފެއާގެ ނަސީބުވެރިޔާ އަށް ދޭ 25،000 ޑޮލަރުގެ އިނާމު އުމުރުން 8 އަހަރުގެ ކުއްޖަކަށް ލިބިއްޖެ އެވެ.

މިރޭ ނެގި ގުރުއަތުލުމުގައި ނޮވެލްޓީން ދޭ އަގުހުރި އިނާމު ލިބިގެން ދިޔައީ ހުޅުމާލޭ ޣާޒީ ސްކޫލްގެ ގްރޭޑް 3ގައި ތައުލީމު ހާސިލްކުރަމުން އަންނަ، ރ. ރަސްގެތީމު، އެރޯ ވިލާ އާމިނަތު ނީން އަށެވެ. މި ގުރުއަތުލުން ނެގީ މަޝްހޫރު ލަވަ ކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ކަނު ބަނދެގެންނެވެ.

ނޮވެލްޓީން ބުނީ، 25،000 ދޮލަރުގެ ނަސީބުވެރިއަކަށް ހޮވުނު ނީންގެ މަންމަ، މަސްއޫދާ ޔޫސުފް ނޮވެލްޓީ ބުކްފެއާއިން ގަނެފައިވަނީ 400 ރުފިޔާގެ އަގުހުރި ތަކެތި ކަމަށެވެ.

ގުރުއަތުލުމަށް ފަހު، ނޮވެލްޓީން ގުޅާލުމުން އެ ނަސީބުވެރި ފަރާތުގެ މަންމަ މަސްއޫދާ ބުނީ، އިނާމު ލިބޭނެ ކަމަށް އުންމީދު ކުރެވިފައި ނުވާ ކަމަށެވެ.

"ގަބޫލުކުރަން ވަރަށް ދަތި. އިނާމު ލިބޭނެ ކަމަށް އުންމީދެއް ވެސް ނުކުރަން. އަޅުގަނޑު ބުކްފެއާގައި ހަރަދުކުރީ ގާތްގަނޑަކަށް 500 ރުފިޔާ. އަޅުގަނޑު މިހިރީ ވަރަށް އުފާވެފަ،" އޭނާ ބުންޏެވެ.

ނޮވެލްޓީގެ ދިހަ ވަނަ ބުކްފެއާގެ ނަސީބުވެރި ފަރާތަށް އަންނަ މަހު ފަސްވަނަ ދުވަހުގެ ކުރިން އިނާމު ހަވާލުކޮށްދޭނެ ކަމަށް ނޮވެލްޓީން މައުލޫމާތު ދެއެވެ.

އަގު ހެޔޮކޮށް އެއްތަނަކުން ބައިވަރު ފޮތްތަކެއް ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ފޯރުކޮށްދިނުމުގެ ބޭނުމުގައި ނޮވެލްޓީން ކޮންމެ އަހަރަކު ބާއްވަމުންދާ ބުކްފެއާ ކުރިއަށް ދިޔައީ އޭޕްރީލް މަހު 12 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.