06 May 2014, 22:35
މެދުއިރުމަތީގައި ފަތުރުވެރިކަމާ ގުޅުވައިގެން އަހަރަކު އެއްފަހަރު ބާއްވާ އެންމެ ބޮޑު ޓްރެވަލް ފެއާ "އެރޭބިއަން ޓްރެވަލް މާކެޓް 2014" (އޭޓީއެމް)ގައި ރާއްޖެއިން ބައިވެރިވި ވަފުދުގައި 104 މަންދޫބުން ހިމެނޭ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފިއެވެ.
ބޭރު ދުނިޔޭގައި ރާއްޖެ އިޝްތިހަރުކޮށް މާކެޓް ކުރުމުގެ މަސައްކަތްކުރާ ކޯޕަރޭޝަނުން ބުނީ، ފަތުރުވެރިކަމަށް ހާއްސަކޮށްގެން ގަލްފު ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް ފެއާ، މިމަހު ފަހަކުން އަށަކަށް ދުބާއީގައި ކުރިއަށްދާއިރު އެ ފެއާގައި، ރާއްޖެއިން ބައިވެރިވި ވަފުދުގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި 49 ކުންފުންޏަކާއި، 13 ރިސޯޓަކާއި އަދި 37 ޓްރެވަލް އޭޖެންޓަކުން މަންދޫބުން ބައިވެރިވެފައިވާ ކަމަށެވެ.
އެމްއެމްޕީއާރުސީ އިން ބުނީ، މި އަހަރުގެ އޭޓީއެމްގައި ވެސް، މެދުއިރުމައްޗާއި ދުނިޔޭގެ ތަފާތު ކަންކޮޅުތަކުން ފަތުރުވެރިކަމުގެ ވިޔަފާރިއާ ގުޅޭ ސްޓޯލްތައް ހަދާފައިވާއިރު، އޭގެ ސަބަބުން ރާއްޖެގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރަތްތަކަށް އެ ދާއިރާގައި އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށެވެ. އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގައި ހަރަކާތްތެރިވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ތަފާތު ވިއުގަތަކާއެކު ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބޭއިރު، މުޅިން އާ އެއާލައިންތަކުގެ ޝައުގުވެރިކަން ވެސް ރާއްޖެއަށް ހޯދުމަށް މަގު ފަހިވެގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
މިއަހަރަކީ އޭޓީއެމްގައި ރާއްޖެ ބައިވެރިވާ 15 ވަނަ އަހަރެވެ. މެދުއިރުމަތީގައި ބޭއްވޭ ފަތުރުވެރި ކަމުގެ އެންމެ ބޮޑު ފެއާގައި މެދުކެނޑުމެއް ނެތި ރާއްޖެއިން ބައިވެރިވަމުން ގެންދިއުމުގެ ސަބަބުން، އޭގެ ފައިދާ ވަރަށް ބޮޑަށް ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ފޯރައިފައެވެ. އެގޮތުން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މެދުއިރުމަތިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑުތަން ވަނީ މައްޗަސް ޖެހިފައެވެ.
އެމްއެމްޕީއާރުސީ އިން ބުނީ، މިފަހަރުގެ އޭޓީއެމް ފެއާގައި ރާއްޖެއިން ތައްޔާރުކޮށްފައިވާ ސްޓޯލްގެ ތީމަކީ، ރާއްޖޭގެ ބީޗް ރިސޯޓެއްގެ މަންޒަރު ކަމަށެވެ. އެގޮތުން މޫދުތެރޭގައި އަޅާފައިވާ ގެތަށް ސިފަވާގޮތަށް ހަދާފައިވާ، 103 އަކަމީޓަރުގެ 'ޕެވިލިޔަން"ގައި ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ރާއްޖޭގެ ސަގަފަތްވެސް ދައްކުވައިދީފައިވާއިރު، އެތަނަށް ޒިޔާރަތްކުރަ ފަރާތްތަކަށް، ރާއްޖޭގެ މާހައުލުގައި އުޅެވޭފަދަ އިހްސާސްތަކެއް ކުރެވޭނެ ކަމަށްވެސް އެމްއެމްޕީއާރުސީން ބުންޏެވެ.
ދުބާއީިގައި މިހާރު ކުރިއަށްދާ ޓްރެވަލް ފެއާގައި ރާއްޖޭގެ ފަރާތުން ބަހައްޓާފައިވާ ސްޓޯލްގައި، ރާއްޖޭގައި މިމަހު 19 އިން 30 އަށް ކުރިއަށް ގެންދާ އޭއެފްސީ ޗެލެންޖް ކަޕް ވެސް އިޝްތިހާރު ކޮށްފައިވެ އެވެ.