ސޮނީ ސްޕޯޓްސް އިންޓަ ރިޒޯޓް ޗެމްޕިއަންޝިޕްގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ސަން އައިލެންޑް ރިސޯޓުން ހޯދައިފި އެވެ.

މުބާރަތުގެ ޗެމްޕިއަންކަން ސަންއައިލެން ރިޒޯޓުން ހޯދީ ފައިނަލުގައި ލިލީ ބީޗް ރިސޯތުގެ މައްޗަށް ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ. މިމެޗް ކުޅެފައި ވަނީ ސަން އައިލެންޑް ރިސޯޓުގައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ސެޓްތައް ސަން އައިލެންޑް ރިސޯޓުން ކާމިޔާބު ކޮށްފައި ވަނީ 25-20، 25-18 އަދި 25-21 އިން ނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސަން އައިލެންޑް ރިސޯޓުގެ ހަސަން އާމިރެވެ.

މުބާރާތުގެ ޒޯން ހަތަރެއްގައި އަރި އަތޮޅުގެ ތިން ރިސޯޓް ވާދަކޮށްފައި ވާއިރު އެރިސޯޓް ތަކަކީ ސަން އައިލެންޑާއި ލިލީ ބީޗް އަދި ލަކްސް މޯލްޑިވްސް އެވެ.

މިއަދުގެ ފައިނަލް މެޗަށްފަހު ޒޯން ހަތަރަކުން އެންމެ މޮޅު ހަ ކުޅުންތެރިން ވަނީ ހޮވައިފައެވެ. އެގޮތުން އެކުޅުންތެރިންނަށް ހޮވުނީ ސަން އައިލެންޑް ރިސޯޓުގެ ހަސަން އާމިރާއި، އިބްރާހިމް އާދިލް އަދި އާދަމް ފައިރޫޒްގެ އިތުރުން ލިލީ ބީޗް ރިޒޯޓުގެ މުހައްމަދު އަހުމަދާއި، އަހުމަދު ޒާލިފް އަދި ސަދާދް ޒަކީ އެވެ. އަދި ޒޯން ހަތަރެއްގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ވެސް ޗެމްޕިއަން ސަން އައިލެންޑް ރިސޯޓުގެ ކޯޗު މުހައްމަދު ނަދީމެވެ.

މިއަދުގެ މެޗުގައި ޗެމްޕިއަން ސައިންއައިލެންޑް ރިސޯޓަށް ޝީލްޑާއި މެޑަލް ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާން އަހުމަދު ކަލީމެވެ.