06 May 2014, 21:58
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން އަންނަ މަހުގެ ކުރީ ކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންނަށް ހާއްސަ" ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕް"ގައި ވާދަކުރާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އަންހެން ފުޓްބޯޅަ ޓީމުގެ ފަރިތަކުރުން ތައް މިރޭ ފަށައިފި އެވެ.
ނިއުގެ އަންހެން ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް މިރޭ ފަށާފައި ވަނީ އެފްއޭއެމްގެ ޓާފް ދެ ނަންބަރު ދަނޑުގަ އެވެ. އަދި ނިއުގެ އަންހެން ޓީމުގެ ކޯޗަކަށް އެ ޓީމުގެ ޔޫތު ޓީމުގެ ކޯޗަކަށް އަހުމަދު ނިޔާޒް މިރޭ ހަމަޖައްސާފައިވާ އިރު، ޓީމުގެ މެނޭޖަރަކަށް ހަމަޖެއްސީ ރާއްޖޭގެ ގައުމީ ޓީމަށާއި ނިުއަށް މީގެ ކުރިން ކުޅުނު ހުނަރުވެރި ފޯވާޑް އަލީ އުމަރުގެ އަންހެނުން މަރިޔަމް ފަރްޒާނާ އެވެ.
ނިއުގެ ޑިރެކްޓާ އޮފް ފުޓްބޯލް އަންވަރު އަލީ 'ސަން' އަށް މިރޭ ވިދާޅުވީ، ޓީމުގެ ފަރިތަކުންތައް މިރޭ ފަށާފައި ވާނީ 14 ކުޅުންތެރިންގެ ސްކޮޑަކާ އެކު ކަމަށާއި އަދި ޓީމުގައި ރާއްޖޭގެ އަންހެން ގައުމީ ޓީމަށް ކުޅެމުން އަންނަ ހަތަރު ކުޅުންތެރިއަކު ހިމެނޭ ކަމަށެވެ. އަދި ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ގައުމީ އަންހެން ޓީމުގެ ކެޕްޓަން ފަދުވާ ޒާހިރު ކަމަށް ވެސް އަންވަރު ވިދާޅުވި އެވެ.
"ގައުމީ އަންހެން ޓީމަށް ކުޅޭ ހަތަރު ކުޅުންތެރިން ޓީމުގައި ވަނީ ހިމަނާފައި. ޓީމުގެ ކެޕްޓަނަކީ އި އަންހެން ގައުމީ ޓީމުގެ ވެސް ކެޕްޓަން ފަދުވާ ޒާހިރު. ވައިސްކެޕްޓަނަކީ ވެސް ގައުމީޓީމުގެ މަރިޔަމް މިރުފަތު." އަންވަރު ވިދާޅުވި އެވެ.
އެފްއޭއެމް އިން ބުނީ، މިއަހަރުގެ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި އެގޮތުން މުބާރާތުގައި ބައިވެރިވެވޭނީ ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ އިތުރުން ކުލަބް ޖަމިއްޔާ ތަކަށެވެ.
މިދިޔަ އަހަރު ބޭއްވި ފުރަތަމަ ވިމެންސް ޗެމްޕިއަންޝިޕް މުބާރާތުގެ ޗެމްޕިއަނުންނަކީ ސަން ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް (ސަން) އެވެ.