06 May 2014, 20:50
އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މީހަކު ގދ. ތިނަދޫ އިން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާ ހައްޔަރުކުރީ ގދ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުން ފުލުހުންނަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން، މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ މި މަހު އެއް ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، ކުޑަ އަންހެން ކުއްޖަކާ ބެހުމުގެ ތުހުމަތުގައި ތިނަދޫން ހައްޔަރުކުރި މީހާގެ މައްސަލަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ.