29 Dec 2010, 05:59
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދެއްވި އިންޒާރަކީ ވަރަށް ދަށުދަރަޖައިގެ ނާހަތުޒީބު ޢަމަލެއް ކަމަށް ބުނެ އެކަން ޢަދާލަތު ޕާޓީން ކުށްވެރިކޮށްފި އެވެ.
އާދާލަތު ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ ސިޔާސީ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް މައުމޫނު ރާއްޖެ ވަޑައިގެންފި ނަމަ، މުޅި ހަޔާތް އެއްކޮށް ބަރުބާދުވެފައިވާ ކުރީގެ ރައީސުންގެ “ތާރީހު އަލުން އިއާދަ ވެދާނެ” ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ދެއްވި އިންޒާރަކީ، އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނު އަސާސީން ލިބިދީފައިވާ ހައްގުތަކާއި ހިމާޔަތާއި ސިޔާސީ އަހުލާގިއްޔަތާއި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ އުޞޫލުތަކާ ކަނޑައެޅިގެން ތައާރުޒުވާ ދަށުދަރަޖައިގެ ނާހަތުޒީބު އަމަލެއް ކަމަށެވެ.
އަދާލަތުގެ އެ ބަޔާނުގައި އަދި ބުނަނީ ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމަކީ ޤާނޫނީ ގޮތުން ދައުލަތުގެ ފަރާތުން ޝަރަފާއި ހިމާޔަތް އަރުވާފައިވާ ބޭފުޅެއް ކަމަށާއި ރައީސް ނަޝީދު ކުރީގެ ރައީސް މައުމޫނަށް ދެއްވި އިންޒާރު އެ ޕާޓީގެ ފަރާތުން އެންމެ މަތީ ދަރަޖައިގައި ކުށްވެރިކުރާ ކަމަށެވެ.
މީގެ އިތުރުން ދިވެހި ރާއްޖޭގެ އެއްބައިވަންތަކަމާއި މުޖްތަމައުގެ ސަފުތައް ރޫޅި، ޓެރަރިޒަމާއި ލޭ އޮހޮރުވުމަށް މަގުފަހިވެ، ޤައުމުގެ އަމަން އަމާންކަމާއި ޢާއްމު މަސްލަހަތުތައް ފުނޑުފުނޑުވެގެން ހިނގައިދާނެ މިފަދަ ޢަމަލުތަކަށް ހިއްވަރު ނުދެއްވުމަށާއި އެ ބަސްފުޅުތައް ތަކުރާރު ނުކުރެއްވުމަށް ނަޝީދަށް ވަނީ އިލްތިމާސްކޮށްފައިވެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި މައްޗަންގޮޅީ ދެކުނުދާއިރާއަށް ކުރިމަތިލެއްވެވި ސަރަނގު އާދަމް މަނިކުގެ ކެމްޕޭން ޖަގަހަ ހުޅުވި ޖަލްސާގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެނބުރި މާލެ ވަޑައިގެންފި ނަމަ ކުރީގެ ރައީސުންނަށް ދިމާވެފައިވާ ފަދަ ދެރަ ހާދިސާއެއް ކުރިމަތިވެދާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރާއްޖޭގެ ތާރީހުގައި ވެރިކަން ނިންމަވާލެއްވުމަށް ފަހު ބައެއް ރައީސުން ރާއްޖެ ދޫކޮށް، ފުރާވަޑައިގެން، އަނެއްކާ ވެސް އެނބުރި ރާއްޖެ ވަޑައިގަތުމުން ވަރަށް ހިތާމަވެރި ހާދިސާތައް މިގައުމުގައި ކުރިމަތިވެފައިވާ ކަމަށާއި އެ އުސޫލުން އަނެއްކާ އެފަދަ ކަމެއް މާލޭގައި ހިނގަން އުޅޭތީވެ، އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު ވަރަށް ހިތާމަކުރާ އަދި ކަންބޮޑުވާ ކަމެއް މާލެއަށް ދިމާވާން އުޅޭތީވެ، ކަންބޮޑުވަނީ. ވަރަށް ގިނަ ފަހަރަށް މި މާލޭގައި ވެރިކަން ކުރާ ބޭފުޅުން ވެރިކަން ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގަންނަވާ. އެހެން އުޅުއްވާފައި ބައެއް ފަހަރު އެނބުރި ވަޑައިގަންނަވަން އުޅުއްވާނެ. މިއީ އަޅުގަނޑަށް އެއްވެސް ހާލެއްގައި މަޖާ ވާހަކައެއް ނޫން. އަޅުގަނޑު ކަންބޮޑުވާ ވާހަކައެއް. އެނބުރި ވަޑައިގަންނަވާ ދަނޑިވަޅުތަކުގައި ބައެއް ބޭފުޅުން އަވަހާރަވެފައި އެބަތިއްބެވި. އަނެއްބައި ބޭފުޅުންނަށް މުޅި ހަޔާތް އެކީ ބަރުބާދުވެފައި އެބަތިބި." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މައުމޫނަށް ދެއްވި އިންޒާރުގައި ވިދާޅުވެފައި ވަނީ، މައުމޫން ރާއްޖެވަޢިގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފި ނަމަ ރާއްޖޭގެ ތާރީހު އިޔާދަވެދާނެ ކަމަށެވެ.
"މިރާއްޖޭގެ ރައްޔިތުންގެ އިހުސާސްތަކާ އެގޮތަށް ކުޅުއްވަން ނޫޅުއްވާށޭ. އެހެން ހެއްދެވީމާ ދެން ގުޑާއިރުގައި އަޅުގަނޑަށް ވެސް ހިފަހަށްޓަން އުދަގޫވާނޭ، ރައީސް މައުމޫނުގެ ސަލާމަތަށްޓަކާ އަޅުގަނޑަށް ކުރެވެން އޮތް ހުރިހާކަމެއްވެސް ކުރާނަން، ސިޔާސީ ކަންކަމުގައި ބައިވެރިވަޑައިގަތުމަށް ރާއްޖެ ވައިޑައިގަންނަވާ ވާހަކަ ދައްކުވާ ކަމުގައި ވަނީ ވިއްޔާ، ދެންހަމަ އަނެއްކާވެސް ބޮޑަށް ފެނުން ގާތީ މިރާއްޖޭގެ ތާރީހު އަލުން އަބުރާ އިޔާދަވާ ތަން. އެއީ އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ދެކެން ބޭނުން މަންޒަރެއް ނޫން. އަޅުގަނޑަށް އިނގޭ ތިބޭފުޅުން ދެކެން ބޭނުންވާތަން ވެސް. އެހެން ނަމަވެސް އެހެން ނުހައްދަވާށޭ! އަޅުގަނޑު ރައީސް މައުމޫންގެ އަރިހުން މިއެދެނީ މިރަށަށް އެބުރި އަރައިވަޑައިގަންނަވަން ނޫޅުއްވާށޭ." ސަރަނގު އާދަމް މަނިކުގެ ކެމްޕޭން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.