06 May 2014, 20:31
ދަރުބާރުގެ ހައުސިންގް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށް ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އުޝާމް ވިދާޅުވީ ދަރުބާރުގެ މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފައި ވަނީ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލުކުރުމުގެ ގަވާއިދުގެ ދަށުން ކަމަށެވެ.
އޭނާ ވިދާޅުވީ ކައުންސިލްތަކާ ބިންތައް ހަވާލުކުރި ނަމަވެސް އިޖުތިމާއީ އަދި އިގްތިސޯދީ ބޭނުމަކަށް އެ ބިމެއް ސަރުކާރަށް ނެގުމަށް ކެބިނެޓުން ފާސްކޮށްފި ނަމަ އެބިން ނެގޭނެ ކަމަށް ގަވާއިދުގައި ބުނެފައިވާ ކަމަށެވެ. އަދި އެފަދަ ނިންމުމެއް ކެބިނެޓުން ނިންމައިފި ނަމަ އިތުރަށް ކޯޓު އަމުރެއް ހޯދަން ނުޖެހޭނެ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.
ދަރުބާރުގެ ހައުސިން މިނިސްޓްރީއާ ހަވާލުކުރަން ކެބިނެޓުން ނިންމުމަށް ފަހު އެތަން ހަވާލުކުރަން ތަކުރާރުކޮށް ސިޓީ ކައުންސިލަށް އެންގުމުން ވެސް އެކަމަށް އިޖާބަދީފައިނުވާ ކަމަށް އުޝާމް ވިދާޅުވި އެވެ.
"ހައުސިން މިނިސްޓްރީން ވާނީ ދަރުބާރުގެ އެ މިނިސްޓްރީއާ ހަވާލުކުރުމަށް އެތަށް ފަހަރެއްގެ މަތިން މާލޭ ސިޓީ ކައުންސިލަށް އަންގާފައި، އެހެންނަމަވެސް އެ ކައުންސިލުން އެ އެންގުމަށް އިޖާބަދީފައެއް ނުވޭ،" އުޝާމް ވިދާޅުވި އެވެ.
ފުލުހުންގެ އެހީތެރިކަމާ އެކު ދަރުބާރުގެ ހައުސިންގް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ.
މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ދަރުބާރުގެ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށާއި އެ މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.