06 May 2014, 17:33
ލަންކާގެ އިންޝުއަރެންސް ކުންފުނި، އަމާނަތަކުފުލްގެ އިޝްތިހާރާ އެކު މާލޭގެ މަގުތަކުގެ ހަރުކުރާ ނަންބޯޑުތަކުގެ ޝަކުވާ އާންމުން ކުރަން ފަށައިފި އެވެ.
ބިގް ކުންފުންޏާ ހަވާލުކޮށްގެން މާލޭ ސިޓީގެ މަގުތަކުގައި ނަން ބޯޑު ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އެ ބޯޑުތަކުގެ ސަބަބުން އާއްމުންނަށް ބައެއް ކަހަލަ ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލުން ވެސް އެއްބަސްވެ އެވެ.
"ބޯޑުތައް ހަރުކުރާތީ އެކަމާ ހިތްހަމަޖެހޭ ބަޔަކު ވެސް އުޅޭ. ދެން ކޮންމެ ކަމެއްގައި ވެސް ޝަކުވާ ކުރާ މީހުން ވެސް އުޅޭނެ. އެކަމަކު އެކަންތައް ކުރިއަށް އެ ގެންދަނީ ގަވާއިދާ އެއްގޮތަށް،" މޭލޭ ސިޓީ ކައުންސިލްގެ މެންބަރު ސަމާއު ޝަރީފު ވިދާޅުވި އެވެ.
http://sun.mv/albums/live_24757.jpg
ސަން އަށް ވާހަކަ ދެއްކި ބައެއް މީހުން މިއަދު ބުނީ ބައެއް މަގުތަކުގައި ކަން ވަށް ނުކޮށް އަދި މަގުގެ އަރިމަތީން ހިނގާފައިދާ މީހުންގެ މޫނުގައި ޖެހޭ ހިސާބުގައި ހަރުކުރާ ނަންބޯޑުތަކުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ ވަރަށް ގާތުގައިވާނެ ކަމެއް ކަމަށެވެ.
"ސައިކަލެއްގައި ދުއްވާފައިދާ މީހަކު ކަހާލާ ހާލަތެއްގައި ވެސް އެ ބޯޑުތަކުގެ ކޮޅަށް ހެރުމަކީ ވަރަށް ގާތްކަމެއް. އަދި އެއްފަރާތުން ހިނގާ މީހުންގެ މޫނުގައި ނޫނީ ބޮލުގައި އޭގެ ކޮޅުން ޖެހި އަނިޔާވުމަކީ ވެސް ވަރަށް ގާތް ކަމެއް." ނަން ނުޖެހުމަށް ޝަރުތުކޮށް ސަން އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެބޯޑުތައް ހަރުކުރާ ބައެއް ތަންތަނަކީ ފިހާރަ ފިހާރައިގެ ޝޯކޭސް ގެއްލޭ ގޮތަށް ހަރުކޮށްފައި ހުންނަ ބޯޑުތަކެވެ.
ސަމާއު ވިދާޅުވީ ނަން ބޯޑްތަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ބައެއް ފަރާތަކުން ފާޑުކިޔާފައި ވަނީ ބޯޑްތަކުގެ އުސްމިން އިންޓަނޭޝަނަލް މިންގަނޑަށް ނުފެތޭ ކަމަށް ބުނެ އެވެ. ނަމަވެސް އެ މިންގަނޑަކީ ކޮބައި ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އަދި އެފަދަ އެއްވެސް ޝަކުވާއެއް ރަސްމީ ސިފައެއްގައި ހުށަހެޅިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލޭގެ މަގުތަކުގައި ނަންބޯޑު ކުރިން ހަރުކޮށްފައި ހުންނަނީ މާލޭގެ ގޭގެގެ ފާރުގައި ސިމެންތިން ކަނޑައިނަގައިގެންނާއި ޕްލާސްޓިކް ބޯޑް ފާރުގައި ހަރުކޮށްގެންނެވެ.