ރާއްޖޭގައި ހުރި ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ އޮފީސް އިމާރާތް "ޔޫއެން ބިލްޑިންގް" ބަންދުކުރީ ސަލާމަތީ ކަންބޮޑުވުންތަކެއް ހުރީމާ ކަމަށް ފޮރިން މިނިސްޓްރީއާއި ޔޫއެން އިން ބުނެފި އެވެ.

ޔޫއެންއާއި ފޮރިން މިނިސްޓްރީ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިމާރާތަށް ގެއްލުންތަކެއް ވެފައިވާ ކަމަށާއި އެހެންވެ، މިދިޔަ އޭޕްރިލްމަހުގެ 30 ވަނަ ދުވަހު އެތަން ހުސްކޮށްފައިވާ ކަމަށެވެ.

" ބުރުޒުމަގުގައި ހުރި ޔޫއެންބިލްޑިން 30 އޭޕްރިލް 2014 ގައި ބަންދުކުރީ އިމާރާތަށް ގެއްލުންތަކެއް ވެފައި ވާތީ އާއި އެ އިމާރާތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ކަންބޮޑުވުންތަކެއް އޮތުމުންނެވެ،" މިއަދު ނެރުނު ގުޅިފައިވާ ބަޔާނުގައިވެ އެވެ.

ބަޔާނުގައި އަދި ބުނެފައި ވަނީ ސެމީ ޕާމަނެންޓް އޮފީސްތަކެއް ގާއިމްކުރެވެންދެން ޔޫއެން އެޖެންސީތަކަށް ވަގުތީ އިންތިޒާމްތައް ހަމަޖައްސައިދީފައި ވާނެ ކަމަށެވެ. އެގޮތުން އެ ޖެންސީތަކުން މާލޭގެ އެކި ސަރަހައްދުތަކުގައި މިހާރު އޮޕަރޭޓްކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

އިމާރާތް ހުސްކުރަން ނިންމީ ޔޫއެން އިން ކަމަށާއި އެ އިމާރާތާ ގުޅޭ މައްސަލަތަކުގައި ޔޫއެންއާއި ސަރުކާރުން މަޝްވަރާކުރާތާ އަހަރެއް ވެފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"އިމާރާތުގެ ހާލަތާ ގުޅޭ މައްސަލަތަކާއި ޔޫއެންއާ އެކަށީގެންވާ އިދާރީ ޖާގަ ރާއްޖޭން ހޯދުމަށް ދިގުމުއްދަތުގެ ހައްލެއް ހޯދަން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި ޔޫއެން އިން ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް މަޝްވަރާކޮށްފައެވެ." ބަޔާނުގައިވެ އެވެ.