ތައުލީމީ ފަންޑުން ހަރަދުކޮށްގެން ޓީޗަރުންނަށް ހާއްސަކޮށްގެން މާލޭގައި އިމާރާތްކޮށްފައިވާ 10 ބުރީގެ އިމަރާތުގެ ފްލެޓްތަކަށް 405 ޓީޗަރުން ކުރިމަތިލާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު އިބްރާހިމް އިސްމާއީލް ވިދާޅުވީ ތައުލީމީ ފަންޑުން ހަރަދުކޮށްގެން ޓީޗަރުންނަށް އިނާރާތްކޮށްފައިވާ 10 ބުރީގެ އިމާރާތުގެ ފްލެޓްތަށް މި މަހުގެ ނިޔަލަށް ހަވާލުކުރެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޓީޗަރުންގެ ފްލެޓްތަކަށް އެދި ފޯމް ހުށަހަޅާފައިވާ ހުރިހައި ފަރާތްތަކެއްގެ ފޯމް މިހާރު ޕްރޮސެސްކޮށް ނިމިފައިވާ ކަމަށެވެ. އަދި ފޯމްތައް ޕްރޮސެސް ކުރުމަށް އެކުލަވާލި ކޮމެޓީގެ މަސައްކަތްތައް ނިމުނުހާ އަވަހަކަށް ހޮވިފައިވާ ފަރާތްތަކަށް އިއުލާން ކުރާނެ ކަމަށެވެ. އަދި އިއުލާން ކުރެވޭ ލިސްޓަށް ޝަކުވާ ހުށަހެޅުމަށްޓަކައި 10 ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތައުލީމީ ފަންޑުން ހަރަދުކޮށްގެން އިމަރާތްކޮށްފައިވާ 10 ބުރީގެ ފްލެޓް އިމާރާތަށް ސަރުކާރާއި އެހެނިހެން އިންސްޓިޓިޔުޓްތަކުންނައިއެކު ޖުމްލަ 21 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގޮތުން އެއް ކޮޓަރީގެ ފްލެޓްތަކަށް 49 ފަރާތަކުން ކުރިމަތިލާފައިވާއިރު ދެ ކޮޓަރީގެ ފްލެޓްތަކަށް 354 ފަރާތަކުން ފޯމު ހުށަހަޅާފައިވެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ނޫސްވެރިންނާއި ހިއްސާ ކުރެއްވި ހިސާބްތަކަށް ބަލާއިރު އެންމެ ގިނަ އަދަދަކަށް ކުރިމަތިލާފައި ވަނީ އިމާދުއްދީން ސްކޫލުގެ ޓީޗަރުންނެވެ. އެ ސްކޫލުން 53 ޓީޗަރަކު ކުރިމަތިލާފައިވެއެވެ. ދެން އެންމެ ގިނަ އަދަދަކަށް ފޯމު ހުށަހަޅާފައި ވަނީ ޖަމާލުއްދީން ސްކޫލުންނެވެ. އެއީ 44 ފޯމެވެ.

ޖުމްލާ 62.1 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ތައުލީމީ ފަންޑުން އިމާރާތްކޮށްފައިވާ 10 ބުރީގެ ފްލެޓްގައި ވަނީ އެއް ކޮޓަރީގެ 18 ފްލެޓާއި ދެ ކޮޓަރީގެ 62 ފްލެޓް ހިމެނެ އެވެ.