06 May 2014, 16:38
މިހާރު ކުރިއަށްދާ ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލަށްދާ ހަތަރު ވަނަ ޓީމު ކަނޑައެޅުމަށް ކުޅުނު ލީގުބުރުން ކުރި ހޯދައި އައިޑީ ކުލަބު ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި އެވެ.
އައިޑީ ކުލަބުން ސެމީން ޖާގަހޯދީ ލީގުބުރުގައި އިއްޔެ ކުޅުނު ފަހު މެޗުގައި އެސްއޯ ރިވޮލިއުޝަންގެ މައްޗަށް ތިން ސެޓް އެއް ސެޓުން ކުރި ހޯދައިގެންނެވެ.
މެޗުން މޮޅުވެ ސެމީ ފައިނަލުން ޖާގަ ލިބެންއޮތް އައިޑީ ކުލަބުން މިމެޗުގައި ކުޅުނު ފުރަތަމަ ސެޓް 25-14 ން ކާމިޔާބުކުރި ނަމަވެސް އެސްއޯ ރިވޮލިއުޝަން އިން ވަނީ އެޓީމުގެ ކުޅުން ރަގަޅުކޮށް 25-22 ން ސެޓުން ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މެޗުގެ ތިން ވަނަ ސެޓް ވާދަވެރިކުޅުމަކަށް 25-23 ން އައިޑީ ކުލަބުން ކާމިޔާބުކުރި އިރު ހަތަރު ވަނަ ސެޓް އައިޑީ ކުލަބުން ކާމިޔާބުކޮށްފައި ވަނީ 25-18 ންނެވެ.
އިއްޔެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ އައިޑީ ކުލަބުގެ އަހުމަދު ފާރިޝް އެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިއަދާއި މިރޭ ކުޅޭއިރު ސެމީ ފައިނަލް ފުރަތަމަ މެޗުގައި މިއަދު ހަވީރު 16:00ގައި ވާދަކުރާނީ މާލެ ސިޓީ ޕީސް މޭކަރސް އޭ އާއި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓް (އެސްއޯޑީ)އެވެ. އަދި ސެމީ ފައިނަލް ދެވަނަ މެޗުގައި މިރޭ 20:00 ގައި ވާދަކުރާނީ ޓީމް ޑީއޯސީ އާއި އައިޑީ ކުލަބެވެ.