މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ދަރުބާރުގޭގެ ތަޅު ބަދަލުކުރުމަށްފަހު ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މިއަދު މެންދުރުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީގެ ބައެއް ބޭފުޅުންނާއި ފުލުހުން ދަރުބާރުގެއަށް ގޮސް އެތަން މިނިސްޓްރީއާ ހަވާލުކުރަން އެންގުމުން ސިޓީ ކައުންސިލުން ވަނީ އެކަމަށް ދެކޮޅުހަފާދަ އެވެ.

އެ ސަރަހައްދުގައި ހުންނަވައި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ސަމާއު ޝަރީފް ވިދާޅުވީ ސަރުކާރުން އެ ކައުންސިލާ ހަވާލުކުރި ތަންތަނުގެ ތެރޭގައި ދަރުބާރުގެ ވެސް ހިމެނޭ ކަމަށެވެ. އަދި އެތަން ހައުސިން މިނިސްޓްރީއާ ހަވާލުކުރުމަށް އަންގާއިރު ޝަރުއީ ކޯޓަކުން ނެރެފައިވާ އަމުރެއް އަދި އެތަން މިނިސްޓްރީއާ ހަވާލު ކުރުމަށް ކަމާބެހޭ އެއްވެސް އިދާރާއަކުން އަންގާފައިވާ ލިޔުމެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރުބާރުގެ ފުލުހުންނާ ހަވާލުކުރުމަށް ސިޓީ ކައުންސިލުން ދެކޮޅު ހެދުމުން ހައުސިން މިނިސްޓްރީގެ ފަރާތުން ވަނީ އެތަނުގައި ތަޅުއަޅުވާފަ އެވެ.

މާލޭ ސިޓީ ކައުންސިލުން ބާއްވަން އުޅޭ އެހެން ހަފްލާއަކަށް ދަރުބާރުގެއިން ގޮނޑިތައް ގެންދަން ފެށުމުން ފުލުހުން ވަނީ އެކަން ހުއްޓުވާފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހައުސިން މިނިސްޓްރީގެ ދަށަށް ދަރުބާރުގެ ގެންދިޔުމަށް ފުލުހުން އެހީތެރިވެދީފައި ވަނީ ހޯމް މިނިސްޓްރީގެ އެންގުމަށް ކަމަށެވެ.

ދަރުބާރުގޭގައި ހުރި އެއްވެސް އެއްޗެއް އެތަނުން ބޭރުކުރުމާއި އަދި ކަމާނުބެހޭ މީހުން އެތަނަށް ވަދެ އުޅުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް ހައުސިން މިނިސްޓްރީން ވަނީ ހޯމް މިނިސްޓްރީއަށް އަންގާފަ އެވެ.

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ދަރުބާރުގޭގެ ތަޅުބަދަލުކުރުމަށްފަހު އެތަން ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ޝަރީއަތަށް ހުށަހަޅުއްވާނެ ކަމަށް ވެސް ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.