މި މަހުގެ 19 ވަނަ ދުވަހު ރާއްޖޭގައި ފަށާ އޭއެފްސީ ޗެލެންޖް ކަޕްގައި ވާދަކުރާ ޓީމްތައް އަންނަ ހަފްތާގެ ތެރޭގައި މާލެ އައުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމްއިން ބުނެފި އެވެ.

މި އަހަރުގެ ޗެލެންޖް ކަޕްގައި ރާއްޖޭގެ އިތުރުން ބައިވެރިވެފައި ވަނީ މިޔަންމާ، ކިރްގިސްތާން، އަފްގާނިސްތާން، ފަލަސްތީން، ޕިލިޕީންސް، ތުރްކުމަނިސްތާނުގެ އަދި ލާއޯސް އެވެ.

އެފްއޭއެމް އިން ބުނީ، މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުގެތަކުގެ ތެރެއިން، އެންމެ ފުރަތަމަ ޓީމެއްގެ ގޮތުގައި ރާއްޖެ އައުމަށް ހަމަޖެހިފައިވާ ޓީމަކީ ލާއޯސްގެ ގައުމީ ޓީމެވެ. އެ ޓީމް މާލެ އައުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް އެފްއޭއެމް އިން ބުނެ އެވެ.

މި ފަހަރުގެ މުބާރާތުގައި ލާއޯސްގެ ގައުމީ ޓީމް ހިމެނިފައި ވަނީ ގްރޫޕް ބީފަޅީގަ އެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތުގެ ގްރޫޕް ބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ އިރު އެ ގްރޫޕްގައި ލާއޯސްގެ އިތުރުން ދެން ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސް އަދި އަފްޣާނިސްތާނެވެ.

ޗެލެންޖް ކަޕަށް ރާއްޖޭގެ ގައުމީ ޓީމު ތައްޔާރުވުމުގެ ގޮތުން ލަންކާގެ ގައުމީ ޓީމު ނުވަތަ ލާއޯސްގެ ގައުމީ ޓީމާ އެކު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅުމަށް ހަމަޖެއްސުމަށް އެފްއޭއެމްއިން މަސައްކަތް ކުރަމުން އަންނަ އިރު، ބޮޑަށް މިހާރު ބެލެވިފައި ވަނީ ލާއޯސްގެ ޓީމާއެކު ގައުމީ ޓީމް މެޗް ކުޅޭނެ ކަމަށެވެ.

ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމު ތައިލެންޑަށް ކުރި ދަތުރު ނިންމާލުމަށް ފަހު މިހާރު މާލެ އައިސްފައިވާ އިރު، ތައިލެންޑުގައި ކުޅުނު ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުން މޮޅުވި އިރު، ފަހު ދެ މެޗުން ގައުމީ ޓީމް ވަނީ އެއްވަރުވެފަ އެވެ.

އޭއެފްސީ ޗެލެންޖް ކަޕް ހުޅުވާ މެޗުގައި މި މަހުގެ 19 ވަނަ ދުވަހުގެ ރޭ 9:00 ޖަހާއިރު ބާއްދަލުކުރާ ދެޓީމަކީ ރާއްޖެ އާއި މިޔަންމާ އެވެ. އަދި އެދުވަހުގެ ހަވީރު 4:00 ޖަހާއިރު ބައްދަލުކުރާ ދެޓީމަކީ ފަލަސްތީނާއި ކިޒްކިސްތާނެވެ. މުބާރާތުގައި ރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 9:00 ޖަހާއިރު ނިކުންނާނީ، ކިޒްގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މިމަހު 23 ވަނަ ދުވަހުގެ ރޭ 9:00 ޖަހާއިރު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.