މިމަހުގެ 19 ވަނަ ދުވަހު ރާއްޖޭގައި ފަށާ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފައިނަލް 23 ކުޅުންތެރިންގެ ސްކޮޑް މާދަމާގެ ވަގުތެއްގައި ފައިނަލް ވާނެ ކަމަށް ގައުމީ ކޯޗް ކްރޮއޭޝިއާގެ ޑްރާގޯ މަމިޗް މިއަދު ބުނެފި އެވެ.

މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ގައުމީ ޓީމް ތައިލެންޑަށް ކުރި ކެމްޕޭން ދަތުރަށް ފަހު މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޯޗް މަމިޗް ބުނީ، ތައިލެންޑަށް ކުރި ކެމްޕޭން ދަތުރަކީ ވަރަށް ފުރިހަމަ ދަތުރެއް ކަމަށާއި އެދަތުރުގެ ސަބަބުން ދިވެހި ކުޅުންތެރިންނަށް މުބާރާތުގައި ވާދަކުރުމަށް މުޅިން އާހިތްވަރެއް ލިބިއްޖެ ކަމަށެވެ. އަދި މިފަހަރުގެ މުބާރާތުގައި ވާދަކުރާ ގައުމީ ޓީމުގެ ފައިނަލް ސްކޮޑް މާދަމާގެ ވަގުތެއްގައި ފައިނަލް ކުރެވޭނެ ކަމަށް ވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މަމިޗް ބުންޏެވެ.

"މުބާރާތުގައި ވާދަކުރާ ފައިނަލް ސްކޮޑް މާދަމާ ފައިނަލް ކޮށްލެވޭނެ. މިމަހުގެ ނުވަ ވަނަ ދުވަހު ފައިނަލް ސްކޮޑް އޭއެފްސީއަށް ފޮނުވާނެ. އެހެންވެ ނުވަ ވަނަ ދުވަހާ ހަމައަށް ވެސް މިހާރު ތިބި ކުޅުންތެރިން ޓީމުގެ ސްކޮޑްގައި ތިބޭނެ." މަމިޗް ބުންޏެވެ.


ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ފުޓް ބޯޅަ މުބާރާތް ކަމުގައިވާ އޭއެފްސީ ޗެލެންޖް ކަޕަށް ގައުމީ ފުޓްބޯޅަ ޓީމުން އެންމެ ފުރަތަމަ އެކުލަވާލާފައި ވަނީ 32 ކުޅުންތެރިންގެ ސްކޮޑެކެވެ. އެހެން ނަމަވެސް ހުސްވި މަހުގެ ފަހުކޮޅު މުބާރާތައް ތައްޔާރުވުމުގެ ގޮތުން ތައިލެންޑަށް ކުރި ދަތުރުގައި އެ 32 ކުޅުންތެރިންގެ ތެރެއިން ހަކުޅުންތެރިއަކު ވަނީ ސްކޮޑުން ބާކީ ކޮށްފައެވެ. އެފަހަރު ބާކީ ކުރި ކުޅުންތެރިންނަކީ ނިއުގެ އަހުމަދު ނިޔާޒް (ނިޔާ) އާއި ނިއުގެ މުހުތާރު ނަސީރު (ޓޫކިލޯ) އާއި އީގަލްސްގެ އިސްމާއިލް އީސާ (މެސީ) އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ތިން ކުޅުންތެރިން ކަމަށްވާ އަލީ ސަމްދޫހު އާއި ފަރުހާދު އިސްމާއިލް (ފަރޭ) އަދި މޫސާ ޔާމީނެވެ.

މިފަހަރުގެ ޗެލެންޖް ކަޕްގައި ގައުމީ ޓީމް ހިމެނެނީ ގްރޫޕް އޭ ފަޅީގައެވެ. އަދި ގައުމީ ޓީމް ކުޅުމަށް ހަމަޖެހިފައިވާ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ގަލޮޅު ދަނޑުގަ އެވެ.

އޭއެފްސީ ޗެލެންޖް ކަޕް ހުޅުވާ މެޗުގައި މި މަހުގެ 19 ވަނަ ދުވަހުގެ ރޭ 9:00 ޖަހާއިރު ބާއްދަލުކުރާ ދެ ޓީމަކީ ރާއްޖެ އާއި މިޔަންމާ އެވެ. އަދި އެ ދުވަހުގެ ހަވީރު 4:00 ޖަހާއިރު ބައްދަލުކުރާ ދެ ޓީމަކީ ފަލަސްތީނާއި ކިޒްކިސްތާނެވެ. މުބާރާތުގައި ރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 9:00 ޖަހާއިރު ނިކުންނާނީ، ކިޒްގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މިމަހު 23 ވަނަ ދުވަހުގެ ރޭ 9:00 ޖަހާއިރު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.