އެމްޑީޕީގެ ސަރުކާރު މިހާރު ވަރުދަވެގެން އުޅެނީ އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޑީއާރުޕީގެ ލީޑަޝިޕްގެ  ނުކުޅުދެއްތެރިކަމާއި ސާބިތުކަން ކުޑަކަމުން ކަމަށް ވިދާޅުވެ، އެ ޕާޓީއާ ކޯލިޝަން ހަދާފައިވާ ޕީއޭގެ ލީޑަރު އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ޑީއާރުޕީ އަށް ވަރަށް ބޮޑަށް  ފާޑުވިދާޅުވެއްޖެ އެވެ.


ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ސިޔާސީ މައިދާނަށް ނުކުންނެވުމަށް މާލެ ވަޑައިނުގަތުމަށް ތަކުރާރުކޮށް ރައީސް ނަޝީދު އިންޒާރު ދެއްވުމާ ގުޅިގެން، އެކަން ކުށްވެރިކޮށް ޑީއާރުޕީގެ ދެ ނައިބު ލީޑަރުން ކަމުގައިވާ އުމަރު ނަސީރާއި އިލްހާމް އަހުމަދުގެ ފެކްޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ޔާމީން ވިދާޅުވީ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ލީޑާޝިޕެއް ނެތުމުގެ ސަބަބުން އިދިކޮޅު ފަރާތްތައް މިވަނީ "ކަމެއް ކުރެވޭނެ ވަރު ނެތް ފަދަ ބަޔަކަށް ވެފައި" ކަމަށެވެ. އަދި އިދިކޮޅު ބޮޑު ޕާޓީއަކުން ފެންނަން ޖެހޭ ސިޔާސީ ހަރަކާތްތައް ޑީއާރުޕީން ފެންނަމުން ނުދާ ކަމަށާއި ގައުމާ މެދު މި ސަރުކާރުން ކުރަމުންދާ ކަންތައްތަކާ މެދު، ޑީއާރުޕީގެ އަމަލުތައް ހުންނަ ގޮތުން ބައެއް ފަހަރު ޑީއާރުޕީއަކީ އިދިކޮޅު ޕާޓީއެކޭ ކިޔާތީ ވެސް ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ.


"އިދިކޮޅުގައި ތިބެގެން މަސައްކަތް ކުރާ ކަމުގައި ވަނީ ވިއްޔާމުން ސަރުކާރަށް ރަގަނޅަށް ދައްކުވާއިދޭން އެބަ ޖެހޭ ފިސާރި ވަރުގަދަ އިދިކޮޅެއް ކަން. ސަރުކާރާ ދެކޮޅަށް އަޅުގަނޑުމެން ކުރާ މަސައްކަތުގައި ރަގަނޅު މުސްތަގުބަލަކަށް އެދިގެން އަޅުގަނޑުމެންނާ ދިމާލަށް ވަރަށް ގިނަ ބަޔަކު އާދޭ، އެކަމަކު ކީއްތޯ ކުރާނީ، ކަމެއް ކުރެވޭނެ ވަރު ނެތް ފަދަ ބަޔަކަށް އަޅުގަނޑުމެން [އިދިކޮޅު ފަރާތްތައް] މިތިބީވެފައި." ޔާމިން ވިދާޅުވި އެވެ.


ޑީއާރުޕީގެ ލީޑާޝީޕަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ޔާމީން ވިދާޅުވީ ޑީއާރުޕީގެ މިހާރުގެ އަމާޒަކީ 2013ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ކަމުގައިވާ ނަމަ ބޮޑު އިދިކޮޅު ޕާޓީއަކުން ފެންނަން ޖެހޭ ސިޔާސީ ހަރަކާތްތައް ފެންނަން ޖެހޭ ކަމަށެވެ.


ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އިދިކޮޅު ފަރާތްތަކަށް މިހާތަނަށް ލިބިފައިވާ ކާމީޔާބީތަކެއް ލިބިފައި ވަނީ އޭނާގެ މަސައްކަތްޕުޅުން ކަމަށާއި ނަމަވެސް ޑީއާރުޕީ އާއި ޕީއޭ ރައްޔިތުންގެ މަޖިލީހުގައި ކޯލިޝަނެއްގެ ގޮތުގައި ހިގަންވާ ވަރަށް ނުހިގާ ކަމަށެވެ. އަދި ކޯލިޝަންގެ އެއްބައިވަންތަކަމެއް ނެތީ ޑީއާރުޕީގެ ލީޑާޝިޕްގެ ސަބަބުން ކަމަށް ޔާމިން ތުހުމަތުކުރެއްވި އެވެ.


ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމާ ބެހޭ ގޮތުން ސަރުކާރުން ތަފާތު އިންޒާރުތައް ދެމުންދަނީ ވެސް ޑީއާރުޕީގެ އަމަލްތައް ހުންނަ ގޮތުން ކަމަށް ޔާމީން ވިދާޅުވި އެވެ.


ކުރީގެ ރައީސް މައުމޫނަށް ރައީސް ނަޝީދު ދެއްވި އިންޒާރަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ ކުރީގެ ރައީސް މައުމޫނަށް މަރުގެ އިންޒާރެއްގެ ގޮތަށް މާނަކުރެވޭ ގޮތަށް ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަކީ ގާނޫނު އަސާސީގެ ދަށުން މަގާމުން ރައީސުލްޖުމްހޫރިއްޔާ ވަކިކުރެވޭނެ ވަރުގެ ވާހަކަފުޅެއް ކަމަށެވެ. އަދި އެ ވާހަކަފުޅުތަކަކީ ކުރީގެ ރައީސް މައުމޫން ސިޔާސީ މައިދާނަށް ނިކުންނަވައިފާނެތީ ރައީސް ނަޝީދު ބިރުފުޅުން ދައްކަވާ ވާހަކަފުޅެއް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.


ސިޔާސީ މައިދާނާ އެކަހެރިވެގެން ރައީސް މައުމޫން ހުންނެވީތީ އެކަމަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ ވަކި ބައެއްގެ ނުފޫޒުން ރައީސް މައުމޫން ސިޔާސީ މައިދާން ދޫކޮށްލެވި ދުވަހަކީ "މައުމޫން ނެތިކޮށްލެވި" ދުވަސް ކަމަށެވެ. އެހެން ކަމުން ރައީސް މައުމޫން އަލުން ސިޔާސީ މައިދާނަށް ނުކުންނެވުމަށާއި ސަރުކާރަށް ޖަވާބުދާރީ ކުރުވޭ ވަރުގެ ޕާޓީއަކަށް، ޑީއާރުޕީ ހެދުމަށް ރައީސް މައުމޫން ސިޔާސީ މައިދާނަށް ނުކުންނެވުން މުހިންމު ކަމަށެވެ.


ރައީސް މައުމޫން ކޮންމެ ފަދަކަމެއް ކުރައްވަން ނިންމެވި ނަމަވެސް އެމަނިކުފާނުގެ ފަހަތްޕުޅުގައި ހުންނަވާނެ ކަމަށް ވިދާޅުވެ ޔާމީން ވިދާޅުވީ މައުމޫން އަލުން ރައީސް ކަމަށް ކުރިމަތިލައްވާ ދުވަހަކީ ވެސް އެންމެ ފުރަތަމަ އެ މަނިކުފާނު ބައިއަތު ހިޕަވާނެ ދުވަސް ކަމަށެވެ.


"ރައީސް ކަމަށް ކުރިމަތިލައްވަން ނިންމަވައިފާނެ ކަމަށް އަޑުއިވޭތީ ބައެއް ބޭފުޅުން ބަނޑު ކައްކަނީ، މޭ ގުޑައިގެން މިއުޅެނީ. އަޅުގަނޑު ދަންނަވަން އޮތީ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމަވާ ދުވަސް އެއީ އެންމެ ފުރަތަމަ އެ މަނިކުފާނާ އެކު އަޅުގަނޑު ބައިއަތު ހިފާނެ ދުވަސް." ޔާމީން ވިދާޅުވި އެވެ.


މައުމޫނަށް ރައީސް ނަޝީދު ދެއްވި އިންޒާރާ ގުޅިގެން އުމަރުގެ ފެކްޝަނުން ރޭ ބޭއްވި ޖަލްސާގައި ޕީއޭ އާއި ޑީއާރުޕީގެ ބައެއް މަޖިލިސް މެންބަރުން ބައިވެރި ވެޑައިގެންނެވި އެވެ. އަދި ރައީސް މައުމޫނުގެ ބައެއް ދަރިކަލުންނާއި ދަރިކަނބަލުން އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ފެކްޝަނުގެ އެއްވެސް ބޭފުޅަކު ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ.


ރޭގެ ޖަސްލާގައި ރައީސް މައުމޫނުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފު (މުންދު) ރައީސް މައުމޫނުގެ މެސެޖެއް ޖަލްސާގެ ބައިވެރިންނާ ހިއްސާ ކުރެއްވި އެވެ. އަދި އެ މެސެޖުގައި ރައީސް މައުމޫން ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ ދިފާއުގައި ކުރައްވަމުން ގެންދަވާ މަސައްކަތަށް ހިއްވަރު ދެއްވާ ކަމަށެވެ.