06 May 2014, 14:30
މާލޭގެ ދެނުކު ފަރާތުގައި އާ ކުނިކޮށްޓެއް އަޅާނެ ބިމެއް ހިއްކުމަށް ހަދަން ޖެހޭ އެންވަޔަރުމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓް ތައްޔާރު ކުރާނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ހައުސިން މިނިސްޓްރީ އިން އިއްޔެ ކުރި އިއުލާނުގައި ބުނެފައި ވަނީ އެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހު މިނިސްޓްރީ އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް އެދޭ ކަމަށެވެ. އަދި އެއަށް ފަހު މިމަހުގެ 15ވާ ބުރާސްފަތި ދުވަހު 11:00ގައި މިމިނިސްޓްރީ އަށް ވަޑައިގެން ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދޭ ކަމަށެވެ.
މާލޭގައި ކުނީގެ މައްސަލަ ބޮޑުވެގެން އާ ކުނިކޮށްޓެއް އަޅަން ނިންމެވީ މިދިޔަ އަހަރު އެވެ. އެ މަސައްކަތް ނުފެށި ދިގުލައިގެން ގޮސްފައިވާ އިރު ކުނީގެ މައްސަލަ އަނެއްކާ ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ. މިހާރު މާލޭގައި އުފެދޭ ކުނި ޖަމާ ކުރަނީ ވިލިނގިލި މާލޭ ފެރީޓާމިނަލް ކައިރީގައި ބަނދަރުކޮށްފައި އޮންނަ ބޮޑު ބާޖަކަށެވެ. ބާޖު ބަރުވަންދެން ކުންޏާ އެކު އެތާނގައި ބާއްވާފައި އޮންނާތީ ނުބައި ވަހާއި މެހީގެ އުނދަގޫ ބޮޑުވެެގެން މީހުން ދަނީ ޝަކުވާކުރަމުންނެވެ.