ނ. މާޅެންދޫ އުތުރު ފަރާތު ނެރާދިމާލުން ފަރަށް ދޯންޏެއް އަރައި އެ ދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުން އެބަގެންދެ އެވެ.

ރޭ ފަތިހު 05:00 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ދޯނީގައި ހުރި އެއްވެސް މީހަކަށް އެއްވެސް ހާނީއްކައެއް ލިބިފައެއް ނުވެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން މާޅެންދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ހަސަން ވިދާޅުވީ ރޭފަތިހު އެރަށު އުތުރުފަރާތު ނެރާދިމާލު ފަރަށް އަރާފައި ވަނީ ހޯރަފުށީ ކަންނެލި ދޯންޏެއްކަމަށްވާ "ރޯޝަން" ކަމަށެވެ.

"މިރަށު ނެރުގައި ޖަހާފައި ހުންނަ ނެރު ބައްތި ހުންނާނީ ތަންކޮޅެއް ތިލަ ހިސާބެއްގައި. ދެން އެމީހުން ނެރުން ނުކުންނަން ގޮއްސަ މިބުނާ ހިސާބަށް ގޮސް ނެރުން ނިކުމެވުނީ ކަމަށް ހީކޮށް އަނބުރާލި ތަނާ ރާޅަކާއެކީ އައިސް އެތާހުރި އާނު ގާތަކަކަށް ބީހުނީ." މުހައްމަދު ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އަތޮޅު ލަންދޫ އާއި މާފަރު ބައެއްގެ އިތުރުން މާޅެންދޫ ރައްޔިތުން ގުޅިގެން ފުލުހުންނާ އެމްއެންޑީއެފް އާއި އެކު ދޯނި ފުންކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.