މުޅި އެކު 185 ޓެރަބައިޓް (ޓީބީ) ގެ މައުލޫމާތު ރައްކާ ކުރެވޭ ސްޓޯރޭޖް ޓެޕް އެއް ސޮނީ ކޮމްޕިއުޓަރ އެންޓަޓެއިންމަންޓް އިން އުފައްދައިފި އެވެ. މި އީ މިހާތަނަށް އެއް ސްޓޯރޭޖް ޑިވައިސް އަށް އެންމެ ގިނަ ޑޭޓާ ރައްކާ ކުރެވޭގޮތަށް އުފެއްދި ޑިވައިސް އެވެ.

އައިބީއެމް ކުންފުންޏާ ގުޅިގެން އުފައްދާފައިވާ މި ޓޭޕްގެ އެއް އިންޗީގައި 148 ގިގަބައިޓް ގެ ޑާޓާ ރައްކާ ކުރެއެވެ. އަދި މުޅި ޓޭޕް ގައި 185 ޓީބީ ރައްކާ ކުރެވޭ އިރު، ބްލޫ ރޭ ޑިސްކްގައި މި އަދަދަށް މައުލޫމާތު ރައްކާ ކުރާނަމަ 3،700 ބްލޫ-ރޭ ޑިސްކް ބޭނުންވާނެއެވެ.

ދުނިޔެއަށް މަޝްހޫރު ރިސާޗް ފާމް އެއް ކަމަށްވާ އިންޓަނޭޝަނަލް ޑޭޓާ ކޯޕަރޭޝަން (އައިޑީސީ) އިން ދެކޭ ގޮތުގައި 2020 ވަނަ އަހަރު ދުނިޔޭގައި ރައްކާ ކުރެވިފައިވާ ޑާޓާ 40 ޓްރިލިއަން ގިގަބައިޓް އަށް އަރާނެއެވެ. މިއީ 2020 ގައި ދުނިޔޭގެ އޮންނާނެ ކަމަށް ލަފާ ކުރެވޭ އާބާދީގެ މީހަކަށް 5،200 ގިގަބަޓްއެވެ.

އަގުހެޔޮ ވެފައި ކަރަންޓު ހަރަދު ކުޑަވުމުގެ ސަބަބުން ބޮޑެތީ ކުންފުނިތަކުން ގިނަ މުއްދަތަކަށް ޑާޓާ ރައްކާކޮށްފައި ބެހެއްޓުމަށް މިފަދަ ސްޓޯރޭޖް ޓޭޕްތައް އާއްމުކޮށް ބޭނުންކުރެއެވެ.

މިސާލަކަށް އެ ކުންފުނީގެ ސޯޝަލް ނެޓްވަރކް ބޭނުންކުރާ ފަރާތްތަކުން ޕޯސްޓްކޮށްފައިވާ 300 ޕެޓަބައިޓް (1 ޕެޓަބައިޓް އަކީ 1000 ޓެރަބައިޓް) ގެ މައުލޫމާތު ފޭސްބުކް އިން ގެންގުޅެއެވެ. މި މައުލޫމާތު ތަކުގެ ތެރެއިން ބައެއް ކޮންމެވެސް ތަނެއްގައި ރައްކާކުރެން ޖެހެއެވެ. އެހެންކަމުން ސޮނީގެ 185 ޓީބީގެ ޓޭޕް ފަދަ ސްޓޯރޭޖް ޑިވައިސްއެއްގެ ބޭނުން އެންމެ ބޮޑަށް ހިފާނީ ފޭސްބުކް ފަދަ ބޮޑެތި ކުންފުނިތަކުން ކަމަށް ޓެކްނޮލޮޖީ އިންޑަސްޓްރީގައި ވާހަކަދައްކާ ފަރާތްތަކުން ދެކެއެވެ.

“ކާރިސާ އަކަށްފަހު އަވަސްގޮތެއްގައި، ޑެޓާ ބޭސްތައް ނުވަތަޑޭޓާ ސާވާތައް ފަދަ ސިސްޓަމްތައް އިއާދަކުރެވުމުގެ މުހިއްމުކަން ދަނީ ދުވަހުން ދުވަހަކަށް ބޮޑުވަމުން. އަދި މައުލޫމާތު ރައްކާތެރިގޮތެއްގައި މަނޭޖްކުރުމުގެ މުހިއްމުކަންވެސް ދަނީ އިތުރުވަމުން. މިއާއެކު، ދުނިޔޭގެ ކަންކޮޅުތަކުގައިވާ އެކިއެކި ކުންފުނިތަކުން ދަނީ އައު ޑޭޓާ ސިސްޓަމްތައް އުފައްދަމުން،” ސޮނީގެ އައު ޓޭޕް އިއުލާނުކުރުމާ ގުޅިގެން ނެރުނު ބަޔާނުގައި ވެއެވެ.

“ކްލައުޑް ސްޓޯރޭޖް ސާވިސްތައް އުފެދި، ބޮޑެތި ޑޭޓާ ބޭނުންކުރާ އައު ބާޒާރުތައް ހުޅުވުގެން ދިއުމުގެ ސަބަބުން ގިނަ އަދަދެއްގެ ޑޭޓާ އެކައްޗެއްގައި ރައްކާކުރެވޭފަދަ ޑިވައިސްތަކަކަށް ގިނަ ފަރާތްތަކަކަށް ވަނީ ބޭނުންވެފައެވެ.”

ސޮނީއިން 185 ޓީބީގެ ޓޭޕް އުފައްދާފައިވަނީ “ނެނޯ ގްރެއިން މެގްނެޓިކް ލޭޔަރ” ކިޔުނު ޓެކްނޮލޮޖީއެއް ބޭނުންކޮށްގެންނެވެ. މީގައި ބޭނުންކުރާ ނެނޯ-ޕާޓީކަލް ތަކެއްގެ ސަބަބުން ކުޑަ ޖާގައެއްގައި ގިނަ މައުލޫމާތު ރެކޯޑުކުރުމުގެ ގާބިލުކަން މި ޓޭޕް އަށް ލިބެއެވެ.

ސޮނީއިން އަލަށް ތައާރަފްކުރަން ނިންމާފައިވާ ސްޓޯރޭޖް ޓޭޕް ގެ އިތުރުން ސޮނީ އާއި ޕެނެސޮނިކް ގުޅިގެން އުފައްދަމުން އަންނަ 300 ޖީބީގެ ޑޭޓާ އެއްފަހަރާ އެޅޭ ޑިސްކް އެއް 2015 ވަނަ އަހަރު ބާޒާރަށް ނެރޭނެ ކަމަށްވެސް ސޮނީއިން ވަނީ ބުނެފައެވެ.