06 May 2014, 13:28
ކުރީގެ އެޓޯލްސް މިނިސްޓަރު އަބްދުﷲ ހަމީދުގެ ދަރިކަނބަލުން އަދި މިފްކޯގެ ޗެއާޕާސަން ޑރ. ފާތިން ހަމީދުގެ ހަށިކޮޅު މާދަމާގެ ވަގުތެއްގައި މާލެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.
އާއިލާގެ ފަރާތުން ވާހަކަ ދެއްކެވި ޑރ. ފާތިންގެ ބޭބެ، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަމްދޫން އަބްދުﷲ ހަމީދު މިއަދު ސަން އަށް ވިދާޅުވީ އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލްގައި އޮތް ފާތިންގެ ހަށިކޮޅާ އާއިލާއާ ހަވާލުވުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރަމުން އަންނަ ކަމަށެވެ.
"ފާތިންގެ ހަށިކޮޅު ހޮސްޕިޓަލުން ކްލިއާ ކުރުމުގެ މަސައްކަތްތައް ގެންދަނީ ކުރަމުން. ފުރިހަމަ ކުރަން ޖެހޭ ޑޮކިއުމަންޓްތައް ފުރިހަމަކޮށް މާދަމާ ހަށިކޮޅު މާލެ ގެނެވޭނެ،" ހަމްދޫން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފާތިންގެ ހަށިކޮޅު މާލެ ގެނައުމުން މާދަމާގެ އަސުރު ނަމާދަށް ފަހު ޖަނާޒާގެ ކަންތައްތައް ކުރިއަށް ގެންދެވޭވޭތޯ އާއިލާއިން ބަލަމުން އަންނަ ކަމަށެވެ.
އެކަމަނާ އަވަހާރަވީ އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެެވެ. ފާތިން އަަވަހާރަވީ އިރު އެކަމަނާގެ ދެ އަންހެން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ.
ފިޝަރީޒު ދާއިރާ އިން މަތީ ތައުލީމު ހާސިލު ކުރެއްވުމަށް ފަހު، އެ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ޑރ. ފާތިން އަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.