ބޮޑު އަގެއްގައި ބްރެޒިލް ފޯވަޑް ނޭމާ ގަތުމަށް ބާސެލޯނާ އަށް ޕްރެޝަރު ކުރީ ވާދަވެރި ރެއާލް މެޑްރިޑުން ކަމުގައި ބަސާގެ ނައިބު ރައީސް ކާލެސް ވިލާރުބީ ބުނެފި އެވެ.

މި ސީޒަނުގައި ބްރެޒިލްގެ ސަންތޯސް އިން ބާސާ އަށް ނޭމާ ގެނެވުނީ ރެއާލްއާއެކު ކުރި ބޮޑު ހަނގުރާމައަކަށް ފަހު އެވެ. ނޭމާ ގެނެވުނީ 57 މިލިއަން ޔޫޔޯ އަށް ކަމަށް ކުރިން ރަސްމީކޮށް އިއުލާން ކުރެވުނު ނަމަވެސް ފަހުން އަޑު ފެތުރިގެން ދިޔައީ އޭނާގެ އަސްލު އަގަކީ 87 މިލިއަން ޔޫރޯ ކަމަށެވެ.

"ފުރަތަމަ ނޭމާއާއެކު ހަދަން އުޅުނީ އަންނަ ސީޒަނުގައި ކްލަބަށް ގެނައުމުގެ އެއްބަސްވުމެއް،" ބާސާގެ ނައިބު ރައީސް ބުންޏެވެ. "ނަމަވެސް އެކަން އަވަސްކުރަން ޖެހުނީ އެހެން ކްލަބަކުން އަހަރެމެންނަށް ބޮޑު ޕްރެޝަރެއް ކުރުމުން. މިކަމުގެ ސަބަބުން ކްލަބަށް މިވަނީ މާލީ ގޮތުން ބޮޑު ގެއްލުމެއް ވެފައި،"

މި ސީޒަނުގައި ބާސާ އަށް ގިނަ ހުރަސްތަކެއް ކުރިމަތިވެފައިވާ އިރު، އެ ކްލަބަށް ސީޒަން ނިންމާލަން ޖެހޭނީ ވެސް އެއްވެސް ކާމިޔާބެއް ނުލިބި، ހުސް އަތާ އެވެ. މިއީ ފަހުގެ ތާރީހުގައި އެ ޓީމަށް ލިބޭނެ އެންމެ ބޮޑު ނާކާމިޔާބީ އެވެ.