06 May 2014, 12:52
ސޮނީ ސްޕޯޓްސް އިންޓަ ރިޒޯޓް ޗެމްޕިއަންޝިޕްގެ ޒޯން އެކެއްގައި މީރު އައިލެންޑް ރިޒޯޓް އަތުން ފަސޭހަކަމާއެކު ވަން އެންޑް އޮންލީ ރީތި ރަށް މޮޅުވެއްޖެ އެވެ.
މީރު އަތުން ރީތި ރަށް މޮޅުވީ ސީދާ ތިން ސެޓުންނެވެ. ރީތި ރަށުގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓް އެ ޓީމުން ގެންދިޔައީ 25-19 އިންނެވެ. ދެވަނަ ސެޓް 25-18 އިން ގެންދިޔަ އިރު، ފަހު ސެޓު ރީތި ރަށް ކާމިޔާބުކުރީ 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ރީތި ރަށް ރިޒޯޓުގެ ޖާޒީ ނަންބަރު ނުވައެއް އަލީ އާމިރެވެ.
ޒޯން އެކެއްގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ކޮކޯ ބޮޑު ހިތި މޯލްޑިވްސް އާއި ކުރުނބާ މޯލްޑިވްސް އެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުން ބޮޑު ހިތި މޮޅުވީ 4-1 ސެޓުންނެވެ. ފުރަތަމަ ދެ ސެޓާއި ފަހު ސެޓު ބޮޑު ހިތި ގެންދިޔަ އިރު، ކުރުނބާ ގެންދިޔައީ ތިންވަނަ ސެޓެވެ.
ފުރަތަމަ ސެޓު ބޮޑު ހިތި 25-23 އިން ގެންދިޔަ އިރު، ދެވަނަ ސެޓު އެ ޓީމުން ގެންދިޔައީ 25-20 އިންނެވެ. ތިންވަނަ ސެޓުން ކުރުނބާ މޮޅުވީ 18-25 އިންނެވެ. މެޗު ކާމިޔާބުކުރި ސެޓު ބޮޑު ހިތި ގެންދިޔައީ 25-22 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ބޮޑު ހިތީގެ ޖާޒީ ނަންބަރު ދޭއް ހަސަން ސޮލާހު އެވެ.
މި މުބާރާތުގެ ޒޯން ހަތަރެއްގެ މުބާރާތުގެ ފައިނަލު މިއަދު ކުރިއަށް ދާނެ އެވެ. ހަވީރު 16:15 ގައި ކުޅޭ ފައިނަލު މެޗުގައި ބައްދަލުކުރާނީ ސަން އައިލެންޑް ރިޒޯޓް އެންޑް ސްޕާ އާއި ލިލީ ބީޗް ރިޒޯޓް އެންޑް ސްޕާ އެވެ. ސަން އައިލެންޑް ފައިނަލަށް ދަތުރުކުރި އިރު، އެ ޓީމު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެ އެވެ. މި މެޗު ކުޅޭނީ ސަން އައިލެންޑްގަ އެވެ.
މި އަހަރުގެ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގައި ހަތަރު ޒޯނަކުން 20 ޓިމެއް ބައިވެރިވެފައި ވެއެވެ. ޒޯން އެކެއްގައި ހިމެނެނީ މާލެ އަތޮޅު ދެކުނު ބުރީގެ ޓީމުތަކެވެ. ޒޯނު ދޭއްގައި މާލެ އަތޮޅު އުތުރު ބުރީގެ ޓީމުތައް ހިމެނޭ އިރު، ޒޯން ހަތަރެއްގައި ހިމެނެނީ އަރި އަތޮޅުގެ ޓީމުތަކެވެ. އަދި ޒޯން ފަހެއްގައި ހިމެނެނީ ބ. އަތޮޅަށް ނިސްބަތްވާ ރިސޯޓްތަކުގެ ޓީމުތަކެވެ.
ޒޯން އެކެއްގައި ބައިވެރިވެފައި ވަނީ ޖުމްލަ ހަ ޓީމެކެވެ. ޒޯން ދޭއްގައި ބައިވެރިވެފައި ވަނީ ހަތް ޓީމެކެވެ. އަދި ޒޯން ހަތަރަކުން ތިން ޓީމް ބައިވެރިވެފައި ވާއިރު، ޒޯން ފަހަކުން ހަތަރު ޓީމެއް ބައިވެރިވެފައި ވެއެވެ.