06 May 2014, 12:12
އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރުމުގެ އުންމީދުގައި ހުރި ލިވަޕޫލް އަށް ކްރިސްޓަލް ޕަލްސް އިން ހުރަސް އަޅައިފި އެވެ.
ޕަލަސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ތިން ލަނޑު ޖަހައި ލިވަޕޫލް އިން ފުރަތަމަ ލީޑު ހޯދި ނަމަވެސް ޕަލްސް އިން ވަނީ ފަހު 20 މިނެޓްގެ ތެރޭގައި ތިން ލަނޑު ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗު ނިމިގެން ދިޔައީ 3-3 ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. މެޗަށް ލިވަޕޫލް ނުކުތީ ވެސް ޕްރެޝަރަކާ އެކު އެވެ. އެ ޕްރެޝަރަކީ އެވަޓަން އަތުން މެންޗެސްޓާ ސިޓީ މޮޅުވުމެވެ.
މެޗުގެ ފުރަތަމަ ލަނޑު ލިވަޕޫލް އަށް ކާމިޔާބުކޮށްދިނީ ވޭލްސް މިޑްފީލްޑަރު ޖޯ އެލެން އެވެ. މެޗުގެ 53 ވަނަ މިނެޓްގައި ލިވަޕޫލްގެ ދެވަނަ ލަނޑު އިނގިރޭސި ފޯވަޑް ޑެނިއެލް ސްޓަރިޖް ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ފަހު ލަނޑު ފެނިގެން ދިޔައީ އޭގެ ދެ މިނެޓް ފަހުންނެވެ. މި ލަނޑު ލިވަޕޫލް އަށް ކާމިޔާބުކޮށްދިނީ އުރުގުއޭ ފޯވަޑް ލުއިސް ސުއަރޭޒް އެވެ.
މެޗުގެ 79 ވަނަ މިނެޓްގައި ޕެލަސްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އަޔަލެންޑް ޑިފެންޑަރު ޑަމިއެން ޑެލަނީ އެވެ. މެޗުގެ 81 ވަނަ މިނެޓްގައި ޕެލަސްގެ ދެވަނަ ލަނޑު ޑްވައިޓް ގޭލް ކާމިޔާބުކޮށްދިން އިރު، މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އެ ޓީމަށް ނަތީޖާ ހަމަހަމަކޮށް ދިނީ ވެސް ދެވަނަ ލަނޑު ކާމިޔާބުކޮށްދިން ގޭލް އެވެ.
ލިވަޕޫލް އަށް ދެން ހިތްހަމަ ޖެހުމެއް ލިބިގެންދާނީ އެސްޓަން ވިލާއާ ދެކޮޅަށް މެންޗެސްޓާ ސިޓީ މާދަމާ ރޭ ކުޅޭ މެޗުން ބަލިވުމުން ނުވަތަ އެއްވަރުވުމުންނެވެ. މިހާރު އެއް ޕޮއިންޓްގެ ތަފާތަކާ އެކު ޕްރިމިއާ ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތް ނަމަވެސް، ސިޓީގެ އަތްމަތީގައި އެއް މެޗުގެ ފައިދާއެއް އެބައޮތެވެ.