06 May 2014, 12:06
ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެމުންދިޔަ ސަފާރީއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 41 އަހަރުގެ ބިދޭސީއަކާއި 37 އަހަރުގެ ބިދޭސީއެއްގެ އިތުރުން 25 އަހަރުގެ ދިވެއްސަކާއި 46 އަހަރުގެ ދިވެއްސެއް ކަމަށެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފަޅުގައި އޮތް ސަފާރީއަކުން ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ދިވެހިންނަށް ބަނގުރާ ވިއްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ ހަތަރު ވަނަ ދުވަހުގެ 5:30 ހާއިރު ހުޅުމާލެ ފަޅުގައި އޮތް "ފާތިމާ" ނަމަކަށް ކިޔާ ސަފާރީއަކުންނެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ ސަފާރީއަށް އަރައި، އެ ސަފާރީ ބަލައިފާސްކުރިކުރުމުން ގަވާއިދާ ޚިލާފަށް ގެންގުޅެމުންދިޔަ 185 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ މީހަކު އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން މާލެއިން ހައްޔަރުކޮށްފައިވާ ކަމަށެވެ.