އައިޖީއެމްއެޗު ހޮސްޕިޓަލުގައި ޑައިލިސިސް ޔުނިޓެއް ގާއިމުކުރުމުގެ މަސައްކަތް 3.5 މިލިއަން ރުފިޔާ އެމްއެސް ކާޕެންޓްރީ އެންޑް ކޮންޓްރެކްޓިން ކޮޕެނީއާ މިއަދު ހަވާލުކޮށްފި އެވެ.

މިއަދު ހެނދުނު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިޔާތުގައި ހެލްތު މިނިސްޓަރު މަރިޔަމް ޝަކީލާ ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ހަވާލުކުރި މަސައްކަތް އެއްބަސްވުމުގައިވާ ގޮތުން 90 ދުވަހުގެ ތެރޭގައި ނިމި އެ ޔުނިޓްގެ ހިދުމަތްދޭން ފެށޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ "އެންމެ ޒަމާނީ ފެންވަރަށް" ގާއިމުކުރެވޭ ޑައިލިސިސް ޔުނިޓްގައި ނުވަ އެނދު ހުންނާނެ ކަމަށެވެ. ޑައިލިސިސް ހަދާފައި ތިބޭ މީހުން އެކަހަރިކޮށް ތިބެވޭނެ ނިޒާމެއް އައިޖީއެމްޗްގައި ގާއިމުވެފައި ނެތް ކަމަށާއި ނަމަވެސް އެ ޔުނިޓް ގާއިމުކުރެވުމާ އެކު ޑައިލިސިސް ހަދާ މީހުން އެކަހަރިކޮށް ވެސް ބޭތިއްބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު އައިޖީއެމްއެޗްގައި ޑައިލިސް ހިދުމަތް ދެމުން ދާއިރުގައި އަސްލު ހަގީގަތުގައި އެކަހަރިކޮށް ބައިތިއްބަން ޖެހޭ މީހުން އެކަހަރިކޮށް ބައިތިއްބޭނެ ނިޒާމެއް ވެސް ނެތް އަޅުގަނޑުމެނަށް ގާއިމުކުރެވިފައި. އެހެން ނަމަވެސް މި ޔުނިޓް ގާއިމުކުރެވުމާއި އެކީގައި އަޅުގަނޑުމެނަށް ދެ ގޮތަކަށް އެކަހަރިކުރެވޭނެ ނިޒާމެއް ގާއިކުރެވިގެން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ލ. އަތޮޅުގަ އާއި ގދ. ތިނަދޫގައި އާއި ރ. އުނގޫފާރުގައި ޑައިލިސިސްގެ ޔުނިޓްތަކެއް "ވަރަށް އަވަހަށް" ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އައިޖީއެމްޗްގެ ޑައިލިސިސްގެ ހިދުމަތްދޭ 11 ޔުނިޓެއް މިހާރު ހުރި އިރު ޑައިލިސިސް ހަދަމުންދާ 118 މީހުން އެ ހޮސްޕިޓަލުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލަށް ވަނީ ބުނެފަ އެވެ.