ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ނުކުރެވި، ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެެނެރަލް ހުސައިން ޝަމީމް އިސްތިއުފާ ދެއްވުމުން ކުރިމަތިވެފައިވާ މައްސަލައިގެ ޒިންމާ ނަންގަވަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހީދު ކަމަށް މޯލްޑިވްސް ބާ އެސޯސިއޭޝަނުގެ ރައީސް ހުސްނުއްސުއޫދު ތުހުމަތު ކުރައްވައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އާއި އޭނާގެ ނާއިބުގެ މަގާމެއް ހުސްވެއްޖެ ނަމަ 30 ދުވަހުގެ ތެރޭގައި މީހަކު އައްޔަންކުރަން ވާނެ ކަމުގައި ގާނޫނު އަސާސީގައި ބުނެފައިވެ އެވެ. އަދި ޑެޕިއުޓީ ޕީޖީއެއް ހުންނަވަން ޖެހޭނެ ކަމަށާއި ޕީޖީ ނެތް ހާލަތެއްގައި ޕީޖީ އޮފީހުގެ ޒިންމާތައް އުފުއްލަވަން ޖެހޭނީ ޑެޕިއުޓީީ ޕީޖީ ކަމަށް ގާނޫނުގައި ބުނެ އެވެ.

"ޕީޖީ އެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން 30 ދުވަހުގެ ތެރޭގައި ޕީޖީއަކު އައްޔަން ކުރަން ޖެހޭނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަމުގެ ހުރިހާ ޒިންމާއެއް އުފުއްލަވަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް. މިކަހަލަ ދަނޑިވަޅެއްގައި މަޖިލީހުގެ ޖަލްސާތައް ހުއްޓާލާކަށް ނުޖެހޭ،" ސުއޫދު ވިދާޅުވި އެވެ.

ޝަމީމް އިސްތިއުފާ ދެއްވުމުން ކަންބޮޑުވުން ފާޅުކުރައްވަމުން ސުއޫދު ވިދާޅުވީ، ޕީޖީ އަދި ޑެޕިއުޓީ ޕީޖީ ނެތުމުން ޖިނާއީ އަދުލުގެ ނިޒާމް ހުއްޓިފައިވާ ކަމަށެވެ.

"ޑެޕިއުޓީ ޕީޖީ އަކީ ޕީޖީ އައްޔަން ކުރައްވާ ބޭފުޅެއް. ޕީޖީގެ މަސްއޫލިއްޔަތުތައް ޑެޕިއުޓީ ޕީޖީ އުފުއްލަވަން ޖެހޭނީ ޕީޖީ ނެތް ހާލަތެއްގައި. ޑެޕިއުޓީ ޕީޖީ ނެތުމުން މިވަނީ ޖިނާއީ އަދުލުގެ ނިޒާމް ހުއްޓިފައި. ޕީޖީއަކު އައްޔަން ކުރުމަކީ މަޖިލީހުގެ ޒިންމާއެއް،" އޭނާ ވިދާޅުވި އެވެ.

ޑެޕިއުޓީ ޕީޖީ ޝަމީމް އިސްތިއުފާ ދެއްވައިފި ނަމަ، ޖިނާއީ އަދުލުގެ ނިޒާމް ހުއްޓިދާނެތީ އެކަމުގައި މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމައި ދިނުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެޖޭ ކޮމިޓީން މަޖިލީހުގެ ރައީސް އަށް އެދިވަޑައިގެންފައިވެ އެވެ.