06 May 2014, 10:52
މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ވޭތުވެ ދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތަކާއި މި އަހަރުގެ ފުރަތަމަ ކުއާޓާގެ މާލީ ހިސާބުތައް ޝާއިއުކުރަން ޖެހޭ މުއްދަތުގައި ޝާއިރުކޮށްފައި ނުވާތީ ކެޕިޓަލް މާކެޓް ޑިވްލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އެ ކުންފުނި 60،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.
ސީއެމްޑީއޭގެ ޗީފްއެގްޒެކްޓިވް އޮފިސަރު ފާތިމަތު ޝަފީގާ ސަން އަށް މިއަދު ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. އަދި ސީއެމްޑީއޭ އިން ވަނީ އެކަން އިންވެސްޓަރުންގެ ސަމާލުކަމަށް ގެނައުމަށް މިދިޔަ އާދިއްތަ ދުވަހު އެކަން އިއުލާނު ވެސް ކޮށްފަ އެވެ.
އެމްޓީޑީސީގެ އެގްޒެކްޓިވް ޑިރެކްޓަރު އަހްމަދު ނިޔާޒް ސަން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ގަވައިދުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި އަހަރީ ރިޕޯޓާއި މާލީ ހިސާބުތައް ހުށަނޭޅުނީ މާލީ ހިސާބުތައް ނިންމުމަށް ދިމާވި އެކި މައްސަލަތަކާ ގުޅިގެން ކަމަށެވެ. ނަމަވެސް ކުންފުނި ޖޫރިމަނާކުރިކަން އަދި އަންގާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދިޔަ އަހަރު ދިމާވި ތަފާތު އެކު މައްސަލަތަކާ ގުޅިގެން މާލީ ހިސާބުތައް ނިންމާނުލެވުނީ. އެހެން ކަމުން މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި އަދި މި އަހަރުގެ ފުރަތަމަ ތިން މަހުގެ މާލީ ހިސާބުތައް ނިންމާނުލެވިފައި ވަނީ. ނަމަވެސް ކުންފުނި ޖޫރިމަނާކުރިކަން ރަސްމީ ސިފައެއްގައި އަޅުގަނޑުމެނަށް އަންގާފައެއްނުވޭ،" ނިޔާޒް ވިދާޅުވި އެވެ.
އޭގެ އިތުރުން ނިޔާޒް ވިދާޅުވީ މިހާރު މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓްތައް ނިމިފައިވާ ކަމަށާއި ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި އެ ރިޕޯޓްތައް އާންމުކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ކުރިއަށް ހަތް ދުވަހުގެ ތެރޭގައި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތަކުގެ އިތުރުން މި އަހަރުގެ ފުރަތަމަ ތިން މަހުގެ މާލީ ހިސާބުތައްވެސް އާންމުކުރާނަން،" އޭނާ ވިދާޅުވި އެވެ.
ސެކިއުރިޓީޒް ދޫކުރާ ކުންފުނިތަކުން މައުލޫމާތު އާންމުކުރުމުގެ ޒިންމާ އާއި ބެހޭ ގަވައިދުގައި ބުނެފައިވާ ގޮތުން އަހަރު ނިމޭތާ ހަތަރު މަސް ދުވަސް ތެރޭގައި ކުންފުނީގެ ނިމިގެން ދިޔަ އަހަރުގެ މާލީ ބަޔާންތަކާއި ޝާއިރުކުރަން ޖެހެ އެވެ. އަދި އެ ގަވައިދުގައިވާ ގޮތުން ކޮންމެ ތިން މަހެއް ނިމިގެން 30 ދުވަސް ތެރޭގައި ކުއާޓަލީ ރިޕޯޓް ޝާއިރުކުރަން ޖެހެ އެވެ.