06 May 2014, 10:31
މިހާރު ދުނިޔޭގެ އެންމެ ބޮޑު ޓެރަރިޒަމްއަކީ ފައިނޭންޝިއަލް ޓެރަރިޒަމްކަމަށާއި ރާއްޖޭގައި ވެސް އެމައްސަލަ އޮތުމުން ދިވެހި ހުރިހާ ރައްޔިތުންނަކީ ވެސް އިގްތިސާދުގެ ވާހަކަ ދައްކާ ބަޔަކަށް ވާންޖެހޭ ކަމަށް ރާއްޖޭގައި އުފެއްދި ފުރަތަމަ ޓްރޭޑް ޔޫނިއަންގެ ރައީސް ފުއާދު ޒާހިރު ވިދާޅުވެއްޖެ އެވެ.
ފުއާދު މިހެން ވިދާޅުވީ ޓްރޭޑް ޔޫނިއަންގެ ހިންގާ ކޮމިޓީ އަށް މެންބަރުން އައްޔަންކުރުމަށް ރޭ ނަސަނދުރާ ޕެލަސްގައި އޮތް ރަސްމިއްޔާތެއްގައި އެ ޔޫނިއަންގެ ރައީސް ކަމަށް އިންތިހާބު ވުމަށް ފަހު ރަސްމިއްޔާތުގެ ބައިވެރިންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
ފުއާދު ވިދާޅުވީ ރާއްޖޭގެ ސަގާފަތަކީ އަބަދު ވެސް ޓެކްސް ބޮޑުކުރުންކަމަށާއި ރާއްޖޭގެ ދަރަނި އޮތީ ތިނެއް ބިލިއަނުގައި ކަމަށްވާ އިރު އެއީ ފައިނޭންޝިއަލް ޓެރަރިޒަމްގެ ހެއްކެއް ކަމަށެވެ. އަދި މިގޮތަށް ޓެކްސް ބޮޑުކޮށްގެން ދަރަނި ކުޑަކުރެވޭނެ ގޮތެއް ނެތް ކަމަށާއި އިގްތިސާދުގެ ވާހަކަ ރާއްޖޭގެ ހުރިހާ ރައްޔިތުން ދައްކަން ޖެހޭ ކަމަށް ފުއާދު ވިދާޅުވި އެވެ.
"ރާއްޖޭގެ ސަގާފަތަކީ އަބަދުވެސް ޓެކްސް ބޮޑުކުރުން. ރާއްޖޭގެ ދަރަނި މިއޮތީ ތިނެއް ބިލިއަނުގައި. އެއީ އަޅުގަނޑު މިބުނާ ފައިނޭންޝިއަލް ޓެރަރިޒަމްގެ ހެއްކެއް. އަދި އެގޮތަށް ޓެކްސް ބޮޑުކޮއްގެނެއް ދަރަނި ކުޑައެއް ނުކުރެވޭނެ. އަޅުގަނޑުމެން މަސައްކަތް ކުރާނީ އިސްލާމިކް ފައިނޭންޝިއަލް އުސޫލެއްގެ ދަށުން އިންޑަސްޓްރީ ކުރިއަރުވަން. އެހެންވީމާ އަޅުގަނޑުމެން އެންމެން އެބަޖެހޭ އިގްތިސާދުގެ ވާހަކަ ދައްކަން." ފުއާދު ވިދާޅުވި އެވެ.
ފުއާދު އިތުރަށް ވިދާޅުވީ ވިޔަފާރިވެރިންގެ ބަޖެޓު ބޭނުން ކުރެވިގެންދާ ގޮތް ގިނަ ފަހަރު ނުވެސް އެނގޭ ކަމަށާއި އެއީ ގައުމީ ލެވަލްގައި އެޑްރެސް ކުރަންޖެހޭ އިޝޫއެއްކަމަށެވެ. އަދި ސަރުކާރުން ޓެކްސް ބޮޑުކުރަނީ ދުނިޔޭގެ އެހެން ގައުމުތަކުން ކުދި އަދި މެދުފަންތީގެ ވިޔަފާރި އަށް އެހީތެރިވާ ގޮތަށްކަމަށްވާ އިރު ރާއްޖޭގައި ޓެކްސް އޮތީ އެފަދަ ގޮތަކަށް ނޫންކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
ޓްރޭޑް ޔޫނިއަން މެދުވެރިކޮށް ރައްޔިތުންގެ އިހުސާސްތައް ހަގީގަތަކަށް ހެދޭނެ ކަމަށާއި ޔޫނިއަންގެ ޕޮލިސީއަކީ ވަކި ފަރާތަކަށް ނުޖެހޭ އަދި ބިނާ ކުރުވަނިވި ފާޑު ކިޔުންތަކަށް މަރުހަބާ ކިޔާ ބައެއްކަމަށް ފުއާދު ވިދާޅުވި އެވެ. އަދި ހުރިހާ ރައްޔިތުން ވެސް އިގްތިސާދުގެ ވާހަކަ އާފެށުމަކުން ފެށުމަށް ފުއާދު ގޮވާލެއްވި އެވެ.