ގާހިރާ (މޭ 6) : މިސްރުގެ ވެރިކަން ލިބިވަޑައިގެންފި ނަމަ އެގައުމުގެ އެންމެ ބޮޑު އަދި އެންމެ ގިނަދުވަސްވީ ސިޔާސީ ޖަމާއަތް ކަމަށްވާ އިސްލާމީ ފިކުރުގެ އިޚްވާނުލްމުސްލިމޫން ޖަމާއަތް ވުޖޫދުން ފުހެލައްވައި އެޖަމާއަތް ނައްތާލައްވާނެ ކަމަށް އެގައުމުގެ ކުރީގެ ދިފާޢީ ވަޒީރު އަދި ރިޔާސީ ކެންޑިޑޭޓް މާޝަލް އަބްދުލްފައްތާޙް އައްސީސީ ވިދާޅުވެއްޖެ އެވެ.

މިސްރުގެ ޓީވީ ދެ ނެޓްވާކް ކަމަށްވާ އޮން ޓީވީ އާއި ސީބީސީ އަށް ދެއްވި ބަސްދީގަތުމެއްގައި ސީސީ ވިދާޅުވީ އިޚްވާން ޖަމާއަތުގެ ވެރިކަން ނިމުމަކަށް ގެނައީ މިސްރުގެ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށާ އިޚްވާނުންގެ ވެރިކަން މިސްރު ރައްޔިތުން އެއްގޮތަކަށް ވެސް ބޭނުންނުވާ ކަމުގަ އެވެ. އަދި މިސްރު ރައްޔިތުން އިންތިޚާބު ކޮށްފައިވާ ޑރ. މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލީ މިސްރުގެ ވެރިކަމަށް އައުމުގެ ސީޔާސީ އެއްވެސް މަގްސަދެއް އޮވެގެން ނޫން ކަމަށާ މިސްރުގެ ވެރިކަމަށް ކުރިމަތިލެއްވީ ރައްޔިތުން އޭނާގެ ކިބައިން އެކަމަށް އެދި އާދޭސް ކުރާ މިންވަރުގެ ބޮޑުކަމުން އެކަމަކީ ގައުމީ ވާޖިބެއްކަން އިޙްސާސް ކުރެއްވިގެން ކަމަށް ވެސް ސީސީ ވިދާޅުވި އެވެ.

ސީސީ ވިދާޅުވީ އިޚްވާނުންގެ ވެރިކަމުގެ ސަބަބުން މިސްރަށް އެތެރެއިންނާއި ބޭރުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށާއި މިސްރުގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންފި ނަމަ އެ ނުރައްކާތަކުން މިސްރު ސަލާމަތްކޮށް އިޚްވާން ޖަމާއަތް ވުޖޫދުން ފުހެލައްވާނެ ކަމުގަ އެވެ. ދެ ގަޑިއިރަށް ކުރިޔަށް ދިޔަ މި ބަސްދީގަތުމުގައި ސީސީ ވަނީ އޭނާ އަވަހާރަކޮށްލުމަށް ދެ ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. ނަމަވެސް އޭނާ އަވަހާރަކޮށްލުމަށް މަސައްކަތްކުރި ކަމަށް ޝައްކުކުރެވޭ ފަރާތަކާއި އެކަން ހިނގި ތާރީޚަކާއި ތަނެއްސީސީ ހާމަކުރައްވާފައެއްނުވެ އެވެ.

މާޝަލް ސީސީ އަކީ މަގާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލުމަށް މިދިޔަ އަހަރު ޖުލައިމަހު މިސްރު ސިފައިން ގެނައި ޢަސްކަރީ އިންގިލާބު ރާވައި ލީޑް ކުރުމުގައި އިސްކޮށް ހުންނެވި ލީޑަރެވެ. ސީސީ މިސްރު ސިފައިންގެ ކޮމާންޑަރުކަމުގެ މަގާމުންނާއި ދިފާޢީ ވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވަނީ މިދިޔަ މަހު އެވެ.

މިސްރުގެ ޢިލްމާނީ ފިކުރުގެ ޕާޓީތަކުންނާއި މީޑިޔާ އިންނާއި ސިފައިންގެ މުއައްސަސާއިން ސީސީއަކީ ގައުމީ ބަތަލެއް ކަމަށް ސިފަކޮށް އޭނާގެ ކޭންޕޭނަށް އެހީތެރިވަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން މިސްރު ރައްޔިތުންގެ ގިނަބައެއްގެ ތާއީދު ސީސީއަށް މިހާރު ވަރަށްބޮޑުކަމަށް ރިޕޯޓްތައްބުނެއެވެ. އަދި މިސްރުގައި މިނިވަން މުސްތަގިއްލު އިންތިޚާބެއް ބޭއްވުމުގެ ފުރްސަތު ނެތިފައި ސީސީއާ ވާދަކުރައްވާ ކެންޑިޑޭޓް ހަމްދީން ސަބާހީ އަކީ ވާތުފިޔައިގެ ކުޑަ ޕާޓީއަކަށް ނިސްބަތްވާ ބޭފުޅަކަށްވާތީ މިސްރުގެ ރިޔާސީ އިންތިޚާބު ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން، ސީސީ ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. (އަލްޖަޒީރާ)