އިމްޕޯޓް އެކްސްޕޯޓް މުދާ ކްލިއަކުރުމުގެ ކަންކަމުގައި ކަސްޓަމްސްއާ މުއާމަލާތްކުރާ ފަރާތްތަކަކީ އެކަމުގެ ތަމްރީން ލިބިފައިވާ ފަރާތްތަކެއް ކަމަށް ހެދުމަށް ޓަކައި "ކަސްޓަމްސް ބްރޯކާ ޓްރެއިނިންގް"ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ހަތަރު މަސް ދުވަހުގެ މުއްދަތަށް ހިންގާ އެ ޕްރޮގްރާމް ފެށުމުގެ ގޮތުން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކަސްޓަމްސް ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސެންޓާ ފޯ ކަސްޓަމްސް އެކްސައިޒް ސްޓަޑީޒް ހިންގެވުމާ ހަވާލުވެ ހުންނެވި ޗީފް ސުޕްރިންޓެންޑެންޓް ޢަބްދުﷲ ވަހީދު ކަމަށެވެ. އަދި އެ ޕްރޮގްރާމްގައި ކިޔަވައި ދެއްވާނީ ކަމާ ގުޅޭ ދާއިރާތަކުގައި މަސައްކަތްކުރައްވަމުންދާ އެ ދާއިރާތަކުގެ ތަޖްރިބާ ހުރި ކަސްޓަމްސްގެ މުވައްޒަފުން ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސެޓްފިކެޓް ލެވެލް ތިނަކަށް އެކްރެޑިޓްކޮށްގެން ހިންގާ އެ ތަމްރީނު ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި މުދާ ކްލިއަކުރުމުގެ ކަންކަމުގައި ކަސްޓަމްސްއާ މުއާމަލާތްކުރާ ފަރާތްތަކަކީ އެކަށައެޅިފައިވާ އުސޫލުތަކުގެ ދަށުން ކަމާ ގުޅޭ ހާއްސަ މައުލޫމާތާއި ތަމްރީން ލިބިގެން ހަރަކާތްތެރިވާ ޕްރޮފެޝަނަލް ފަރާތްތަކަކަށް ހެދުން ކަމަށާއި އިމްޕޯޓް އެކްސްޕޯޓްގެ ގާނުނަށާއި ކަސްޓަމްސްއާއި ގުޅުން ހުރި އެހެނިހެން ގާނޫނުތައް އަދި ކަސްޓަމްސްގެ އުސޫލުތަކަށާއި ގަވާއިދުތަކަށް އެފަދަ ފަރާތްތައް އަހުލުވެރިކުރުން ހިމެނޭ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސްގެ ބްރޯކާސްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެފަރާތްތަކުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަންގައިދީ އެފަރާތަކަށް ދިމާވާ ދަތިތަކާއި މައްސަލަތަށް މަދުކޮށް އެކަންކަމަށް ހައްލު ހޯދައިދިނުމުގެ މަގުސަދުގައި ހިންގާ މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދަނީ ހަތަރު މޮޑިއުލްއަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ "ބްރޯކާސް ރެގިއުލޭޝްން އެންޑް ކަސްޓަމްސް ޕްރޮސީޖާސް"، އާއި "މެލިއުއޭޝަން ޕްރޮސެސް" އާއި، "ޑޮކިއުމެންޓޭޝަން ޕްރޮސެސް"ގެ އިތުރުން "ހާމޮނައިޒްޑް ސިސްޓަމް" އެވެ.

ކަސްޓަމްސް އިން ބުނީ، އާންމުކޮށް އިއުލާނުކޮށްގެން ބައިވެރިން ހޮވި އެ ޕްރޮގްރާމުގައި ޖުމުލަ 36 ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިމްޕޯޓް އެކްސްޕޯޓް މުދާ ކުލިއަކުރުމުގެ މަސައްކަތުގައި މިހާރު ވެސް ހަރަކާތްތެރިވަމުންދާ ބައެއް ކުންފުނިތަކުގެ މުވައްޒަފުންނާއި އަމިއްލަ ފަރާތްތައް ވެސް ހިމެނޭ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.